ހައްދު ފަހަނަ އަޅާފައިވާ ހަނގުރާމަވެރި ޖަމާއަތް، އައިއެސް ނުވަތަ އައިސިސް އަށް ނިސްބަތްވާ ބަޔަކު، އިނގިރޭސިވިލާތުގެ ޝާހީ އާއިލާއަށް ނިސްބަތްވާ އެންމެ މުޙިއްމު އަދި އެންމެ މަޝްހޫރު އެއް މެންބަރު ކަމުގައިވާ ކޭޓް މިޑްލްޓަން މަރާލަން ގޮވަމުން އެބަދެއެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޓެލެގްރާމް މެދުވެރިކޮށް، އައިއެސްގެ ބަޔަކުވަނީ އައިއެސްގެ ސަޕޯޓަރުންނަށް، ކޭޓް މަރާލަން މަސައްކަތް ކުރުމަށް އެދިފައެވެ. އަދި އެކަން ކުރުމަށް އެދިފައިވަނީ ސުޕަރމާކެޓަކުން ކޭޓް އާއްމުކޮށް ގަންނަ ކެއުމުގެ ބާވަތަކަށް ވިހަ އަޅައިގެންނެވެ.

ޓެލެގްރާމްގައި ހިންގާ ޗެނަލްގައި، ކޭޓް، ސުޕަރމާކެޓުގެ ޓްރޮލީ އެއް ހިފައިގެން ހުންނަ މަންޒަރު އާއްމުކުރުމަށްފަހު އޭނާ ގަންނަ ބާވަތް ވަކިން ފާހަގަކޮށްފައިވެއެވެ. އަދި ވިހަ އެޅުމަށް އެދިފައިވަނީ މި ބާވަތުގެ ތެރެއަށެވެ.

މީގެއިތުރުން، ކޭޓް އާއި ޕްރިންސް ވިލިއަމްގެ ދަރިފުޅު، ޕްރިންސް ޖޯޖްއާ ގުޅުވައިގެންވެސް އިންޒާރުތަކެއް ދީފައިވެއެވެ. އެގޮތުން ކޭޓްއާއި ޖޯޖް އާއްމުކޮށް ގޮސް އުޅޭ ތަންތަނުގެ މައުލޫމާތުތައް، އައިއެސްގެ ބަޔަކު ހިންގާ މި ޓެލެގްރާމް ޗެނަލުގައި އާއްމުކޮށްފައިވެއެވެ.

ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި ކަމާ ބެހޭ ފަރާތްތަކުން އަދި ވަކީން ޚާއްޞަކޮށް އެޤައުމުގެ އިންޓެލިޖެންސް އިދާރާ އިން ދަނީ މި އިންޒާރުތައް ވަރަށް ސީރިޔަސް ގޮތެއްގައި ބަލަމުންނެވެ. އިންޓެލިޖެންސްގައި މަސައްކަތް ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ބުރަދަން ހުރި އިންޒާރު ތަކެކެވެ. މިކަމުގައި ކުޑަކުއްޖަކާވެސް ގުޅުން އޮންނައިރު، މިކަމުގެ ސަބަބުން ކޭޓް، އާދައިގެ ދިރިއުޅުމެއް ވޭތުކުރަންވެސް ދަތިތަކާ ދަނީ ކުރިމަތިވަމުންނެވެ.

މީގެކުރިންވެސް، ޕްރިންސް ޖޯޖް މަރަން ގޮވި މީހަކު ޖަލަށް ލައިފައިވެއެވެ. މިއީ އެކަމުގެ ރުޅީގައި ކުރާ ކަމެއްކަމަށްވެސް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    އައިއެސް ޖަމާއަތުގެ ބޮސް އުޅެނީ ބަކިންހަމް ޕެލަސްގައި! އައްޑިހަށްވުރެ މައްޗަށް ގޮސްފައިވާ މުސްކުޅި ދައިގަނޑެއް އެއީ! މަ މިއުޅެމީ އެ ދައިތާގެ ނަން ހަދާންނެތިގެން! އެ ދައިތާ ބަކިންހަމް ޕެލަސްއިން ނެރުނީމާ ތިކަން ހައްލުވާނެ!

  2. Anonymous

    އައިއެސް އަށް ވުރެ އިޒްރޭލޭ ކިޔާ ޔަހޫދީ އިބްލީހުން މާ ނުބައި................