އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ކުރިއަށް ދިޔަ ޖަނާޒާއެއްގެ ތެރެއަށް އިންޑިއާ ސިފައިން ބަޑިޖެހުމުގެ ސަބަބުން 11 މީހުން ޒަހަމުވެއްޖެއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި މި ޖަނާޒާއަކީ އިންޑިއާ ސިފައިންގެ ބަޑީގެ އަމާޒަކަށްވެ ދާދި ފަހުން މަރުވި ކަޝްމީރުގެ ދެ ރައްޔިތެއްގެ ޖަނާޒާއެވެ. ޒަހަމްވި މީހުންގެ ތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެ ކުރިއަށް ދިޔަ މި ޖަނާޒާގައި އެތަށް ހާސް ބަޔަކު ހާއްސަކޮށް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއިރު އިންޑިއާ ސިފައިން ވަނީ ޖަނާޒާގެ ބައިވެރިނަށް ހުރަސް އެޅުމަށް ބެރިކޭޑް ގިނަ އަދަދަކަށް މަގުމަތީގައި ޖަހާފައެވެ.

ޖަނާޒާގެ ބައިވެރިނާއި އިންޑިއާ ސިފައިންގެ ކުރިމަތިލުމެއް ހިންގަން ފެށީ ޖަނާޒާގެ ތެރެއަށް އިންޑިއާ ސިފައިން ބަޑި ޖެހުމުނެވެ. ރައްދުގައި ޖަނާޒާގެ ބައިވެރިން ވަނީ އިންޑިއާ ސިފައިނާއި ދިމާލަށް ގާ އުކާފައެވެ.

ކަޝްމީރުގައި އިންޑިޔާގެ ސަލާމަތީ ބާރުތަކުން، ލާއިންސާނީ އަމަލުތައް ހިންގާ، ނުބައްދަލު ބާރުގެ ބޭނުންކުރަމުންދާކަމަށް، އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ވުޒާރާއިން ދާދިފަހުން ބުނެފައިވެއެވެ. އިންޑިޔާ އިން އަމަލު ކުރަމުންދާ ގޮތުން، ކަޝްމީރުގެ ޙާލަތު އިތުރަށް ގޯސްވެ، މަޝްރަހު އިތުރަށް ހޫނުވަމުންނެވެ.

އިންޑިއާ އަދި ޕާކިސްތާނުން ވެސް ދަނީ ކަަޝްމީރުގެ މިލްކުވެރިކަމަށް ދައުވާ ކުރަމުންނެވެ.

އދ ގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން އިންޑިޔާގެ އަމަލުތަކުގެ ސަބަބުން، 2016 ވަނަ އަހަރުގެ ޖުލައި މަހުގެ މެދުތެރެއިން ފެށިގެން، 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، ކަޝްމީރުގެ 145 އާއްމުންވަނީ މަރުވެފައެވެ. ހަމައެހެންމެ، އިންޑިޔާއިން ކަންތައް ކުރާ ގޮތުގެ ނަތީޖާއެއްގެ ގޮތުން، ހަތިޔާރު އެޅި ގްރޫޕުތަކުން ދިން ހަމަލާތަކުގައި 20 މީހުން މަރުވެފައިވާކަމަށް ބުނެފައިވެއެވެ.