މި ފެށުނު އާ އަހަރުގެ ފުރަތަމަ ތޫފާން ފިލިޕީންސްގެ ބޭރުގައި އުފެދެން ފަށައިފިއެވެ.

"އަމަންގް" ގެ ނަމުން ނަންދީފައިވާ މި ތޫފާން ފިލިޕިންސްގެ މިންޑާނޯގެ ބޭރުން އުފެދެމުން ދާއިރު އަންނަ ހުކުރު ދުވަހުގެ ވަގުތެއްގައި މި ތޫފާން ފިލިޕިންސަށް އަރާނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ގަޑިއަކު 125 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ތޫފާނުން ލިބިދާނެ ގެއްލުމަކުން އަރައިގަތުމަށް މިހާރު އެގައުމުން ދަނީ ތައްޔާރުވަމުންނެވެ. ފިލިޕީންސް ސަރަހައްދުގައި އުފެދުނު މި ތޫފާން އެ ގައުމުގެ ބައެއް ޖަޒީރާތަކަށް އަރައިފާނެ ކަމަށް ދުރާލައި ވަނީ އިންޒާރު ދީފަ އެވެ.

ކޮންމެ އަހަރަކުވެސް މަދުވެގެން 20 ތޫފާން އަރާ ފިލިޕީންސް އަށް މިދިޔަ އަހަރު އެކަނިވެސް 21 ތޫފާން އަރާ ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިއެވެ.

މިދިޔަ އަހަރު ފިލިޕީންސްގެ އުތުރުގެ ސަރަޙައްދަށް އެރި ބާރުގަދަ ތޫފާން، "މެންހުޓް" ގެ ސަބަބުން 64 މީހުން މަރުވެ އެތަށް ބަޔަކު ވީނުވީ އެއް ނޭނގި ގެއްލިފައެވެ. މިތޫފާނުގެ އަސަރު ފިލިޕީންސްގެ 250000 މީހުންނަށް ވަނީ ކޮށްފައެވެ.

މި ތޫފާނުގައި އެތަށް ބަޔަކު ހާލުގައި ޖެހުނު އިރު ތޫފާނުގައި ކަރަންޓު ފޯރުކޮށްދޭ ނިޒާމަށާއި މަގުތަކަށާއި ދަނޑުބިމަށާއި އާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. އަދި ކޯރުތައް ބަންޑުންވެ ގިނަ ހިސާބުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

ފިލިޕީންސަކީ ދުނިޔޭގެ ނިސްބަތުންވެސް ތޫފާން އެރުން ގިނަ ގައުމެކެވެ. ފަހުގެ ތާރީހެއްގައި ފިލިޕީންސަށް އެރި އެންމެ ގެއްލުން ބޮޑު ތޫފާން އެރީ 2013 ވަނަ އަހަރުއެވެ. އެ ތޫފާނުގައި 7300 މީހުން މަރުވިއެވެ.