މިދިޔަ އޮކްޓޯބަރ މަހު ޖަކާޓާގެ ކަނޑުގެ ސަރަހައްދަށް ވެއްޓުނު ލަޔަން އެއާ ފްލައިޓްގެ ކަޅުފޮށި ފެނިއްޖެއެވެ.

އުދުއްސާލިތާ އިރުކޮޅެއް ފަހުން ލަޔަން އެއާގެ ފްލައިޓް ޖޭޓީ - 610 ވެއްޓުނު ހާދިސާގައި އޭރު ފްލައިޓްގައި ތިބި 189 މީހުން މަރުވިއެވެ. ފްލައިޓް ވެއްޓުނީ އިންޑޮނޭޝިއާގެ ހުޅަނގުގައި އޮންނަ ޕަންކަލް ޕިނަންގް ކައިރިއަށެވެ.

ފްލައިޓް ވެއްޓުނީ މައްސަލައެއް ދިމާވެ އަލުން އަނބުރާ އެއާޕޯޓްގައި ފްލައިޓް ޖެއްސުމުގެ ހުއްދައަށް ޕައިލެޓް، އެއާ ޓްރެފިކް ކޮންޓްރޯލްގައި އެދުނުތާ އިރުކޮޅެއް ފަހުންނެވެ.

ފްލައިޓް ވެއްޓުނު ހާދިސާ ތަޙްޤީޤު ކުރާ ޓީމުން ބުނީ ފްލައިޓް ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. ނަމަވެސް ފްލައިޓްގެ ކަޅު ފޮށި މިހާތަނަށް ނުފެނި އޮތުމުން ތަޙްޤީޤުގައި އެކަށީގެންވާ ކުރިއެރުންތަކެއް ނުހޯދެއެވެ. ފްލައިޓް ވެއްޓުނުތާ އިރުކޮޅެއް ފަހުން ފްލައިޓްގެ ޑޭޓާ ރެކޯޑާ ވަނީ ފެނިފައެވެ.

އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް ސޭފްޓީ ކޮމެޓީގެ ޑެޕިއުޓީ ޗީފް ހަރީކޮ ސަޓްމިކޯ "ރޮއިޓާސް" އަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ ފްލައިޓްގެ ކަޅުފޮށި މިއަދު ފެނިފައިވާ ކަމުގެ މައުލޫމާތު އެކޮމެޓީއަށް ލިބިފައިވާ ކަމަށެވެ.

އިންޑޮނޭޝިއާގެ ކަނޑުގެ ސިފައިންގެ ތަރުޖަމާން އެގައުމުގެ މީޑިއާތަކަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ ފްލައިޓްގެ ކަޅުފޮށި ފެނުނީ ކަނޑުގެ އަޑިން މިއަދު ހެނދުނު އިންޑޮނޭޝިއާ ގަޑިން ހެނދުނު 08:00 ހާއިރު ކަމަށެވެ.

ވެއްޓުނު ލަޔަން އެއާލައިންގެ ފްލައިޓަކީ ބޮއިން 737 މެކްސް-8 ގެ ފްލައިޓެކެވެ. ވަރަށް އާއެފްލައިޓް ވެއްޓުމަކީ ވައިގެ ދަތުރުފަތުރުތައް ކުރާ ފަރާތްތަކަށާއި ވައިގެ ދަތުރުފަތުރުތަކުގެ ސަލާމަތީ ކަންތައްތައް ބަލާ އިދާރާތަކަށް ލިބުނު ވަރަށް ބޮޑު ހައިރާންކަމެކެވެ. އެހެންކަމުން ލަޔަން އެއާގެ ފްލައިޓް ވެއްޓުނު ސަބަބު އަވަހަށް ދެނެގަތުމަކީ ގިނަ ބަޔަކު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެކެވެ.