އީރާނުގެ ވެރިރަށް ތެހެރާންގެ ހުޅަނގުގައި އޮންނަ ކަރަޖް އެއާޕޯޓް ކައިރިއަށް ކާގޯ ފްލައިޓެއް ވެއްޓިއްޖެއެވެ.

އީރާންގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ވެއްޓިފައި ވަނީ ބޮއިން 707 ގެ ކާގޯ ފްލައިޓެކެވެ. ފްލައިޓް ވެއްޓުނު އިރު ފްލައިޓްގައި ދިހަ މީހުން ތިއްބެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ މުދާ ވެސް ފްލައިޓްގައި ހުއްޓެވެ. ފްލައިޓް ވެއްޓުނު ހާދިސާގައި ފްލައިޓްގައި ތިބި އެންމެން މެރުވި ކަމެއް އަދި ރަސްމީ އިދާރާއަކުން ކަށަވަރު ކޮށެއް ނުދެއެވެ.

ފްލައިޓް ވެއްޓުނީ ކިރްގިސްތާންގެ ބިޝެކްކް އިން ނައްޓާލައިގެން އީރާނުގެ ކަރަޖް އެއާޕޯޓް ގައި ޖައްސަން އުޅުމުގެ ތެރޭގައެވެ.

މިހާތަނަށް ބެލެވިފައިވާ ގޮތުގައި ފްލައިޓް ވެއްޓުނީ މޫސުން ގޯސްވުމުގެ ސަބަބުން ރަންވޭ ނުފެނިގެންނެވެ. ނަމަވެސް އެކަން ކަށަވަރު ވާނީ އަދި އިތުރަށް ތަޙްޤީޤު ކުރިއަށް ގެންގޮސްގެންނެވެ.

ވެއްޓުނު ފްލައިޓަކީ ކޮން ގައުމަކަށް ނިސްބަތްވާ ކޮން ކުންފުންޏެއްގެ ފްލައިޓެއްކަން އަދި މީޑިއާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

އީރާނަކީ ވައިގެ ދަތުރުފަތުރުގެ ހާދިސާތައް ހިނގުން ގިނަ ގައުމެކެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހު އެގައުމުގައި ފްލައިޓެއް ވެއްޓި 65 މީހުން މަރުވިއެވެ. 2014 ވަނަ އަހަރު ފްލައިޓެއް ވެއްޓި 40 މީހުން ވެސް މަރުވެފައި ވެއެވެ.