އީރާނަށް ކާގޯ ފްލައިޓެއް މިއަދު ވެއްޓުނު ހާދިސާގައި 15 މީހުން މަރުވި ނަމަވެސް އެވަގުތު ފްލައިޓްގައި އިން އެކަކު ހައިރާން ކުރަނިވި ގޮތަކަށް ސަލާމަތްވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބޮއިން 797 ގެ ކާގޯ ފްލައިޓް ވެއްޓުނު އިރު ފްލައިޓްގައި ތިބީ 10 މީހުން ކަމަށް ފުރަތަމަ ރިޕޯޓް ކުރި ނަމަވެސް ފަހުން މައުލޫމާތު ސާފުވެފައިވާ ގޮތުގައި ފްލައިޓް ވެއްޓުނު އިރު ފްލައިޓްގައި 16 މީހުން ތިއްބެވެ.

އީރާންގެ އަސްކަރިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފްލައިޓް ވެއްޓުނު ހާދިސާ އިން ސަލާމަތްވީ ފްލައިޓްގެ އިންޖިނިއަރު ކަމަށެވެ.

"ކާގޯ ފްލައިޓެއް ކަމަށްވާ ބޮއިން 707 ގެ ފްލައިޓެއް މިއަދު ކިރިގްރިސްތާންގެ ބިޝްކެކް އިން ގެރިމަސް ހިފައިގެން އީރާނަށް ދަތުރު ކުރަމުން އަންނަނިކޮށް މައްސަލައެއް ދިމާވެ ފަތު އެއާޕޯޓްގައި ޖައްސަން އުޅުމުގެ ތެރޭގައި ވަނީ ވެއްޓިފައި. ފްލައިޓްގެ އިންޖިނިއަރަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން." އީރާންގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓްގައި އަލިފާން ރޯވެ އަނދަމުން ދަނިކޮށް އިންޖިނިއަރު ވަނީ ފްލައިޓްގެ ދޮރެއް ހަލާކު ކޮށްލައިގެން ފްލައިޓުން ނިކުމެފައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ރަންވޭގައި ޖެއްސިތަނުން ރަންވޭ އިން ކަހާލައިގެން ގޮސް ކައިރީގައި ހުރި އިމާރާތެއްގައި ޖެހި އަލިފާން ރޯވީއެވެ. ނަމަވެސް އަނެއްބައި ރިޕޯޓްތައް ބުނާ ގޮތުގައި ފްލައިޓް ޖައްސަން އުޅެނިކޮށް ރަންވޭ ކައިރިއަށް ވެއްޓުނީއެވެ.

މިއަދު ވެއްޓުނު ފްލައިޓަކީ ކިރްގިސްތާންގެ ފްލައިޓެއް ކަމަށް އީރާންގެ މީޑިއާތަކުން ބުނެއެވެ.