ޒިމްބާބުވޭގެ ރައީސް އިމަރސަން އެމްނަންގަގްވާ، ތެލުގެ އަގު ދެގުނަ ބޮޑު ކުރިކަން އިއުލާން ކުރެއްވުމާއެކު އެގައުމުގެ ރައްޔިތުން ރުޅިގަދަވެ މަގުތަކަށް ނިކުމެ ވަރުގަދަ މުޒާހަރާތަކެއް ފަށައިފިއެވެ.

ޒިމްބާބުވޭގެ ރައީސް އިމަރސަން ތެލުގެ އަގު 150 އިންސައްތަ ބޮޑު ކުރަން ނިންމުމާއި އެކު އެގައުމު ވެގެން ގޮސްފައިވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކޮށް ޕެޓްރޯލާއޮ ޑީސެލް ވިއްކާ ގައުމަކަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ޒިމްބާބުވޭގެ ބޮޑެތި ސިޓީތަކުގެ މައި މަގުތައް ބަންދުކޮށްފައެވެ. މަގުތަކަށް ނިކުތް މީހުން ރޫޅާލުމަށް ރަޔަޓް ފުލުހުންވަނީ މަސައްކަތް ކޮށްފައެވެ. ބަޑި ޖަހައި، ކަރުނަގޭސް ވެސް ޖަހާފައި ވެއެވެ. އެހެން ނަމަވެސް، މުޒާހަރާ ކޮންޓްރޯލެއް ނުވެއެވެ.

މުޒާހަރާ ކުރަމުންދާ މީހުން ބުނަމުންދަނީ ސަރުކާރުން އަގުތައް ތިރި ނުކުރަނީސް ގެއަށް ނުދާނޭ ކަމަށެވެ.

މުޒާހަރާއަށް ނިކުތް މީހުންވަނީ ޝޮޕިންގ ސެންޓަރެއް ލޫޓުވާލާފައެވެ. ލޫޓުވުން ހުއްޓުވަން ސިފައިން މަގުތަކަށް ނެރެފައިވާއިރު މުޒާހަރާކުރަން މަގުތަކަށް ނުކުމެފައިވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނޭ ކަމަށް ޒިމްބާބުވޭ ސަރުކާރުން ވަނީ ވައުދުވެފައެވެ.

މުޒާހަރާކުރާ މީހުން މަސައްކަތް ކުރަނީ ގައުމުގެ ހަމަޖެހުން ނަގާލަން ކަމަށްބުނެ، ސަރުކާރުންވަނީ ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން ސިފައިން ވެސް މަގުތަކަށް ނެރެފައެވެ. މުޒާހަރާއާ ގުޅިގެން ޒިމްބާބުވޭ ސަރުކާރުން ނެރުނު ބަޔާނެއްގައި މިއީ ހުޅަނގުން އަޑީގައި އޮވެގެން ކުރުވާ ކަމެއް ކަމަށްބުނެ އެކަން ކުށްވެރި ކޮށްފައި ވެއެވެ.

އިގްތިސާދީ ގޮތުން ދަތި ދުވަސް ތަކެއް ގުނަމުންދާ ޒިމްބާބުއޭގައި ތެލުގެ އަގު ބޮޑު ކުރުމާއި ގުޅިގެން އާންމު ދަތުރުފަތުރުގެ އަގުވަނީ އެތައްގުނަ ބޮޑުވެގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    މުގާބޭ އޭ ކިއުނު ޑިކްޓޭޓަރަކު ހުރިއިރު ރައްޔިތުން ތިހެން ތެޅޭކަން ނުޖެހޭދޯ! ވީމާ ޑިކްޓޭޓަރުން މާ ރަގަޅު!

  2. އަބޯ

    ޑިކްޓޭޓަރޭ ކިޔަނީ މީހުންގެ ބޯކާން ވެގެން . ދެން ވެރިކަމަށް ވެރިވަނީ ގަމާރުން އެއްވެސް ކަމެއްކުރަންނޭގުމުން ދޭނީ އިސްތިއުފާ.

  3. ނުރަބޯ

    ޒިންބާބުވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭ ވެރިކަމުން ދުރުކުރީ އެގައުމުގެ ރައްޔިތުންނެއްނޫނެވެ. އެއީ އެއިރުގެ ނައިބުރައީސް އެމްނަންގަގްވާ އެ ގައުމު ގެ ސިފައިންނާ ހެދި ޑީލެއްގެ ދަށުން ސިފައިން ކުރި ކަމެކެވެ.