14 ކިލޯގެ މަސްތުވާތަކެއްޗާއެކު މެލޭޝިއާ އެއާލައިންގައި މަސައްކަތް ކުރަމުންދާ ކެބިން ކްރޫއެއް ފުލުހުން ހައްޔަރުކޮށްފައިވާކަަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ބޭރުގެ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި، އޭނާ ހައްޔަރުކޮށްފައި ވަނީ އޮސްޓްރޭލިއާއިންނެވެ. އޭނާގެ އިތުރުން އިތުރު ހަތް މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ އަށް މީހުންވެގެން އޮސްޓްރޭލިއާއަށް އެތެރެ ކުރަން އުޅުނު ޑްރަގްގެ މަގުމަތީ އަގު 20 މިލިއަނަށް އަރާނެ ކަމަށް ބުނެފައި ވެއެވެ. އެ ކެބިން ކްރޫ މަސައްކަތް ކުރަމުންދިޔައީ މަލިންޑޯ އެއާގައި ކަމަށް ފުލުހުން ކަށަވަރުކޮށްދެއެވެ. މަލިންޑޯ އެއާއަކީ ލަޔަން އެއާގެ ސަބްސިޑަރީ އެއާލައިންނެވެ. އެ އެއާލައިނުން އެ މައްސަލައާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އުމުރުން 38 އަހަރުގެ އެ ކެބިން ކްރޫއަކީ އޮސްޓްރޭލިއާގެ ސިޓީތަކަށް ޑްރަގް އެތެރެ ކުރުމަށް މެލޭޝިއާއިން އެ ޑްރަގްތައް ގެނެސް އެ މަސައްކަތުގައި އުޅެމުންދިޔަ އެ ގްރޫޕްގައި ހިމެނޭ އެކަކު ކަމަށެވެ.

އަދި އެ ގްރޫޕަކީ ވަރަށް ކުރިން ފަށައިގެން ޑްރަގްގެ ކަންތަކުގައި އުޅެމުން އަންނަ ގްރޫޕެއްކަންވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އެއީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަމާއި، އެ މީހުންގެ މައި ހަބު ހުންނަނީ މެލްބުއާންގައިކަމަށް ވެއެވެ.

"ބައެއް އިންޓަލިޖެންސް މައުލޫމަތުތަކަށް ބަލާއިރު، އެ ކްރޫ މެންބަރު އެކަމުގައި އުޅޭތާ ގާތްގަނޑަކަށް ފަސް އަހަަރަށްވުރެ ގިނަ ދުވަސް ވެދާނެ". ފުލުހުންނާއި ހަވާލާދީ ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.

ޑްރަގުގެ މައްސަލާގައި މިދިޔަ 10 ދުވަސް ތެރޭގައި އަށް މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިރާސާ

    އާންމުކޮށް ހުރިހާ ކެބިންކްރޫ އިން ވެސް ހަމަ އުޅޭގޮތް ތިއީ.. މިރާއްޖޭގަވެސް..