އިނގެރޭސި ވިލާތުގެ ބޮޑުވަޒީރު ތެރޭސާ މެއި އެޤައުގެ ޤާނޫން ހަނދާ މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓް ވަރަށް ކުޑަ ތަފާތަކުން ސަލާމަތްވެއްޖެއެވެ.

ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމަށް 306 މެންބަރަކު ވޯޓް ދީފައިވާއިރު، އެކަމަނާގެ އިތުބާރު އޮތް ކަމަށް ވޯޓް ދީފައިވަނީ 325 މެންބަރުންނެވެ. ބޮޑު ވަޒީރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ޤާނޫން ހަދާ މަޖިލީހަށް ވައްދާފައިވަނީ ރޭގެ ވަގުތެއްގައި އެޤައުމުގެ އިދިކޮޅު މައި ޕާޓީ ކަމަށްވާ ލޭބާ ޕާޓީއިންނެވެ.

ލޭބާ ޕާޓީއިން އިތުބާރު ނެތް ކަމަށް ހުށަހެޅީ އިނގެރޭސި ވިލާތުގެ ތާރީޚްގައި ޤާނޫނު ހަދާ މަޖިލިސްގެ ތެރެއިން ބޮޑު ވަޒީރަކަށް ކުރިމަތިވި އެންމެ ބޮޑު ލަދުވެތި ކަމާއި މޭ އަށް ކުރިމަތިވެ ވަޑައިގެންނެވުމާއި އެކުއެވެ.

އިނގެރޭސިވިލާތް އީޔޫއިން ވަކި ވާއިރު، އީޔޫ އާއެކު ވާން ޖެހޭ އެއްބަސް ވުމަށް ރޭ ވޯޓްއަށް އެހުމުން މޭ ގެ ޕާޓީގެ ގިނަ މެންބަރުންވަނީ އެ އެއްބަސްވުމާއި ދެކޮޅަށް ވޯޓްދީ ފެއިލްކޮށްލާފައެވެ. އިނގެރޭސި ވިލާތުގެ ސަރުކާރުން ހުށަހެޅި މިބިލަށް ރޭ ނެގި ވޯޓް ފެއިލްކޮށްލާފައިވަނީ 432 - 202 ވޯޓްގެ ތަފާތުންނެވެ. މިއީ އިނގިރޭސި ވިލާތުގެ ތާރީޚުގައި ވެސް ސަރުކާރުގެ ހުށަހެޅުމަކަށް މިހާ ބޮޑު ތަފާތަކުން ވޯޓެއް ނާކާމިޔާބުވި ފުރަތަމަ ފަހަރެވެ.

ރޭގެ ވޯޓް ފެއިލްވުމާއި އެކު ވަގުތުންވަނީ މެއިގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައެވެ. އިނގެރޭސި ވިލާތް ރަސްމީކޮށް އީޔޫއިން ވަކިވާން ދެން ބާކީ އޮތީ 72 ދުވަހެވެ. އެތާރީޚާއި ހަމައަށް އީޔޫއާއެކު އެއްބަސް ވުމަކަށް ނާދެވިއްޖެނަމަ އެޤައުމުގެ ބާރުގެ ދަށުގައިވާ، އަޔަލެންޑް، ސްކޮޓް ލޭންޑް، ވޭލްސް، އަދި އިނގެރޭސި ވިލާތް ހިމެނޭ ގޮތަށް ހުއްޓުަމަކަށް އައިސްފާނެއެވެ. އެފަދަ ހާލަތެއްގައި އަސްކަރިއްޔާގެ ބޭނުންކޮށް ބައެއް ކަހަލަ ނިންމުންތައްވެސް ނިންމަން ޖެހިދާނެއެވެ. އަޔަލޭންޑް މިހާރު އޮތީ އެފަދަ ހާލަތެއް އައިސްދާނެ ކަމަށް ބަލާ ތައްޔާރީ ހާލަތުގައެވެ.