ދުނިޔޭގައި އޮންނަ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ޖަޒީރާ ރަށަކަށް ބިންހެލުމެއް އަތުވެއްޖެއެވެ. އެންޓްލާޓިކުގައި އޮންނަ ޓެނެރައިފް އަދި ގްރެން ކަނާރިޔާ ރަށްތަކަށް މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 4.4 މެގްނިޓިއުޑުގެ ބާރުމިނުގައެވެ.

މިއަދު ހެނދުނު އެސަރަޙައްދުތަކަށް ބިން ހެލުން އައިސްފައިވާއިރު، މި ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި ފަތުރުވެރިންނަށް، ބިންހެލުމުގެ އަސަރު ކުރެވުނުކަމަށް ބުނެފައިވެއެވެ.

ނޭޝަނަލް ޖިއޯގްރަފިކް އިންސްޓިޓިއުޓް އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައުވަނީ ޓެނެރައިފް އަދި ގްރެން ކަނާރިޔާ ރަށުގެ ދެމެދުގައި އޮންނަ ކަނޑުގެ ސަރަޙައްދުގެ އަޑިއަށެވެ. އަދި ބިންހެލުން އައިސްފައިވާކަމަށް ރިކޯޑު ކުރެވުނީ ކަނޑުގެ އަޑިން ފަސް ކިލޯމީޓަރު އަޑިއަށްކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.

މީގެއިތުރުން، މި ބިންހެލުމަށްފަހުވެސް އެސަރަޙައްދަށް ކޮންމެވެސް ވަރެއްގެ ލޮޅުންތަކެއް އައިކަމަށްވެސް މައުލޫމާތު ލިބެއެވެ. އެގޮތުން އައި ލޮޅުމެއް. 1.9 މެގްނިޓިއުޑުގެ ބާރު މިނުގައި ރިކޯޑު ކުރެވިފައިވެއެވެ/

އާއްމުކޮށް ބިންހެލުން އަންނަ ސަރަޙައްދެއްގައި މި ރަށްތައް އޮންނައިރު، މި ބިންހެލުންތަކުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުވަތަ އަނިޔާއެއް ވެފައި ނުވެއެވެ.