އަވަށްޓެރި އިންޑިޔާގެ ރާޖަސްތާނުގައި، ގައިންގަޔަށް އަރާ ބައްޔެއްކަމުގައިވާ އެޗް1އެން1 ނުވަތަ ސްވައިން ފްލޫ (އޫރު ރޯގާ) ފެތުރެމުން އެބަދެއެވެ.

އެސަރަޙައްދުގެ ހެލްތު ޑިޕާޓްމަންޓް އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން ރާޖަސްތާނުގައި މިހާތަނަށް ބަލި ޖެހުމުގެ ސަބަބުން 40 މީހުން ވަނީ މަރުވެފައެވެ. އަދި ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖަނަވަރީ 17 ވަނަ ދުވަހުގެ ނިޔަލަށް 1036 މީހުންނަށް ބަލި ޖެހިފައިވާކަމަށްވެސް ބަޔާން ކޮށްފައިވެއެވެ.

މި ބަލި އެންމެ ބޮޑަށް ފެތުރެމުންދާ ރަޖަސްތާނުގެ ޖައިޕޫރުގައި 225 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި އޭގެތެރެއިން 16 މީހެއްގެ ހާލު ސީރިޔަސްކަމަށްވެސް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ.

ރާޖަސްތާނުގައި، މި ބަލި ވަރަށް ބޮޑަށް ފެތުރެމުން ދާތީ، އާއްމުކޮށް މީހުން އުޅޭ ސަރަޙައްދުތަކަށް އިސް ވެރިންގެ ހުއްދައާ ނުލައި ބަލި މީހުންނަށް ފަރުވާ ކުރަން ދިއުމަށް ޑޮކްޓަރުންނަށްވެސް ވަނީ މަނާކޮށްފައެވެ. ހަމައެހެންމެ، ކަމާ ބެހޭ ފަރާތްތަކުން ދަނީ ބަލީގެ އަލާމާތްތަކާއި އެނޫންވެސް ދެން ބޭނުންވާ މައުލޫމާތުތައް ދީ، އާއްމުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގަމުންނެވެ.

މީގެއިތުރުން، ވެރިރަށް ދިއްލީގައި މި ބަލި ފެތުރިފައިވެއެވެ. އަދި ބަލި ޖެހުން މީހުންގެ ތެރޭގައި އެޤައުމުގެ ބޮޑުވަޒީރުގެ އަރިހުގައި މަސައްކަތް ކުރައްވާ ވަރަށް އިސް ފަރާތެއްވެސް ހިމެނެއެވެ.

ދުނިޔޭގައި ސްވައިން ފްލޫ އެންމެ ބޮޑަށް ފެތުރުނީ 2009 ވަނަ އަހަރުއެެވެ. އޭރު، ޕެންޑަމިކެއްގެ ދަރަޖައަށް ދުނިޔޭގައި ބަލި ފެތުރުނެވެ. 2017 ވަނަ އަހަރު ރާއްޖޭގައިވެސް މި ބަލި ފެތުރުނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިމް

    މާތްﷲ އަޅަމެން މުސްލިމުން ކުދިބޮޑު އެންމެހާ ބަލިތަކުން ރައްކާތެރިކޮށްދެއްވަވާށި އާމީން