އަވަށްޓެރި އިންޑިޔާގެ ރާޖަސްތާނުގައި، ގައިންގަޔަށް އަރާ ބައްޔެއްކަމުގައިވާ އެޗް1އެން1 ނުވަތަ ސްވައިން ފްލޫ (އޫރު ރޯގާ) ޖެހިގެން އިތުރު 8 މީހަކު މަރުވެއްޖެއެވެ. މިހާތަނަށް އިންޑިޔާގައި ސްވައިން ފްލޫ ޖެހިގެން 48 މީހުންވަނީ މަރުވެފައެވެ.

އެޤައުމުގެ އިދާރާތަކުން ބުނެފައިވަނީ މިއަހަރުގެ މިހާތަނަށް 1,173 މީހަކު ސްވައިން ފްލޫއަށް ޕްޒެޓިވް ވެފައިވާ ކަމަށާއި މީގެ ތެރެއިން 48 މީހަކު މަރުވެފައިވާ ކަމަށެވެ.

މިިދިޔަ 13 މަހަށް ބަލާއިރު ރާޖަސްތާނުގައި ސްވައިން ފްލޫ ޖެހިގެން 200 އެއްހާ މީހުން މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާޖަސްތާނުގައި، މި ބަލި ވަރަށް ބޮޑަށް ފެތުރެމުން ދާތީ، އާއްމުކޮށް މީހުން އުޅޭ ސަރަޙައްދުތަކަށް އިސް ވެރިންގެ ހުއްދައާ ނުލައި ބަލި މީހުންނަށް ފަރުވާ ކުރަން ދިއުމަށް ޑޮކްޓަރުންނަށްވެސް ވަނީ މަނާކޮށްފައެވެ. ހަމައެހެންމެ، ކަމާ ބެހޭ ފަރާތްތަކުން ދަނީ ބަލީގެ އަލާމާތްތަކާއި އެނޫންވެސް ދެން ބޭނުންވާ މައުލޫމާތުތައް ދީ، އާއްމުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގަމުންނެވެ.

މީގެއިތުރުން، ވެރިރަށް ދިއްލީގައި މި ބަލި ފެތުރިފައިވެއެވެ. އަދި ބަލި ޖެހުން މީހުންގެ ތެރޭގައި އެޤައުމުގެ ބޮޑުވަޒީރުގެ އަރިހުގައި މަސައްކަތް ކުރައްވާ ވަރަށް އިސް ފަރާތެއްވެސް ހިމެނެއެވެ.

ދުނިޔޭގައި ސްވައިން ފްލޫ އެންމެ ބޮޑަށް ފެތުރުނީ 2009 ވަނަ އަހަރުއެެވެ. އޭރު، ޕެންޑަމިކެއްގެ ދަރަޖައަށް ދުނިޔޭގައި ބަލި ފެތުރުނެވެ. 2017 ވަނަ އަހަރު ރާއްޖޭގައިވެސް މި ބަލި ފެތުރުނެވެ.

ކިޔުންތެރިންގެ ހިޔާލު