އިސްރާއިލް ސިފައިން އަނެއްކާ ވެސް ސީރިއާގެ ވެރިރަށް ދިމިޝްގަށް ވައިގެ މަގުން ހަމަލަތަކެއް ދީފިއެވެ.

މިއީ ފާއިތުވި ހަފްތާއެއްހާ ދުވަސްތެރެގައި އިސްރާއިލް ސިފައިން ވައިގެން މަގުން ދިމިޝްގަށް ހަމަލާ ދިން ތިން ވަނަ ފަހަރެވެ. ސީރިއާގެ ދައުލަތުގެ މީޑިއާ "ސަނާ" އިން ބުނީ އިސްރާއިލުން ސީރިއާގެ ވެރިރަށް ދިމިޝްގަން ފޮނުވާލި ގިނަ މިސައިލްތައް ވައިގެ ދިފާޢީ ނިޒާމުން ވައްޓާލާފައިވާ ކަމަށެވެ.

އިސްރާއީލް އަސްކަރިއްޔާ އިން ވަނީ ދިމިޝްގަށް ވައިގެ މަގުން ހަމަލާތައް ދިން ކަމަށް އެއްބަސްވެފައެވެ. އިސްރާއިލް ސިފައިން ބުނީ ހަމަލާތައް ދިނީ ސީރިއާގައި ތިބޭ އީރާންގެ ސިފައިންނަށް ކަމަށެވެ.

"އަހަރެމެން ވާނީ ސީރީއާގައި ތިބި އީރާން ސިފައިންނާއި ދެކޮޅަށް އޮޕަރޭޝަނެއް ފަށާފައި. ސީރިއާގައި ވެސް އިސްރާއީލަށް ނުރައްކާވާ ކަމެއް ކުރިއަށްދާނަމަ އެކަމެއް ހުއްޓުވާނަން. އިސްރާއީލްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނަން." އިސްރާއީލް އަސްކަރިއްޔާ އިން ބުންޏެވެ.

ސީރިއާގެ ރައީސް ބައްޝާރުލް އައްސަދުގެ ވެރިކަން ދިފާޢު ކުރުމަށް އީރާންގެ ސިފައިން ގެންދަނީ ސީރިއާގައި ހަރަކާތްތެރިވަމުންނެވެ. ބައްޝާރު ހަނގުރާމަވެރިންގެ މައްޗަށް މިހާރު ކާމިޔާބު ހޯދާފައި ވަނީ އީރާން ސިފައިންގެ ވަރަށް ބޮޑު އެހީއެއް ބޭނުން ކޮށްގެންނެވެ.

ސީރިއާ އަށް ހަމަލާތައް ދިނުމުން ރައްދު ހަމަލާއެއް އަމާޒު ވެދާނެ ކަމަށް އިސްރާއީލުން ވަނީ ސީރިއާ އާއި އިސްރާއީލް ގުޅޭ ސަރަހައްދީ އިމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައެވެ.