އިންޑޮނޭޝިއާ އަށް ބާރުގަދަ ބިންހެލުމެއް މިއަދު އަތުވެއްޖެއެވެ.

ބިންހެލުންތަކާއި ސުނާމީތަކާ ބެހޭ އެމެރިކާގެ އިދާރާ، ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 6.7 ބާރުމިނުގައި އެގައުމުގެ ރާބާއަށެވެ.

އެ އިދާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުން މި ބިންހެލުން އައިސްފައިވަނީ އިންޑޮނޭޝިޔާގެ ހުޅަނގު އުތުރު 293 ކިލޯމީޓަރު ދުރަށެވެ. ބިންހެލުން އައިސްފައިވާ ބިމުގެ 25 ކިލޯމީޓަރުގެ އަޑިއަށެވެ.

ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ. ބިންހެލުމުގެ ސަބަބުން އެއްވެސް ތަނަކަށް ނުވަތަ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވެއެވެ.

އިންޑޮނޭޝިއާ އަށް އައި ބާރުގަދަ ބިންހެލުމެއް މިއަދު އައިސްފައިވާއިރު އަލިފާން ފަރުބަދައެއް ގޮވައިގެން މިދިޔަ ޑިސެންބަރު މަހު އެގައުމަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 281 އަށް ވަނީ އަރާފައެވެ. ސުނާމީއަށް ފަހުވެސް އެތަށް ބަޔަކު ގެއްލިފައިވާއިރު އެމީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

އިންޑޮނޭޝިއާ ހިމެނޭ "ޕެސިފިކް ރިންގް އޮފް ފަޔާ" ހިއްސާ ކުރާ ސަރަހައްދަކީ ގިނައިން ބިންހެލުންތައް އަންނަ އަދި އަލިފާން ފަރުބަދަ ގިނަ ސަރަހައްދެކެވެ. ރިންގް އޮފް ފަޔާ ސަރަހައްދުގެ ކަނޑުއަޑީގައި 400 އަށް ވުރެ އަލިފާން ފަރުބަދަ 25،000 މޭލުގެ ސަރަހައްދަކަށް ފެތުރިފައިވެއެވެ.

2004 ވަނަ އަހަރު މި ސަރަހައްދު ހިމެނޭ އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިނގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.