އިންޑިއާއާއި ބަނގްލަދޭޝް ވަކިކުރާ އިމުގައި ތިބި ރޮހިންޖާ މުސްލިމުންގެ ގްރޫޕެއްް އިންޑިއާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ކުޑަ ކުދިންވެސް ހިމެނޭ ގޮތަށް އިންޑިއާ ފުލުހުން ހައްޔަރުކުރި 31 މުސްލިމުންގެ ތެރޭގައި ހަ އަންހެނުންވެސް ހިމެނެއެވެ.

އިންޑިއާގެ ފުލުހުން ހައްޔަރު ކޮށްފައިވަނީ ބަނގްލަދޭޝްއަށް އެތެރެވުމަށް މަސައްކަތްކުރި މުސްލިމުންތަކެކެވެ. އެހެން ނަމަވެސް، ބަނގްލަދޭޝްގެ ބޯޑަރ ގާޑުންވަނީ އެމީހުން ބަނގްލަދޭޝްއަށް ވަނަނުދީ ހުރަސްއަޅާފައެވެ. މިއާއެކު އިންޑިއާ ފުލުހުން އެމީހުން ހައްޔަރު ކުރީއެވެ.

ސަރަހައްދީ ރޮހިންޖާ މުސްލިމުން ހޯދައި އެމީހުން މިޔަންމާއަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް އިންޑިއާއިން ގެންދަނީ ކުރަމުންނެވެ.

ރިޕޯޓްތައް ބުނާގޮތުން، އިންޑިއާ ފުލުހުން އެ މީހުން ހައްޔަރުކުރީ، އެމީހުންނާމެދު އަމަލުކުރާނެ ގޮތަކާމެދު އިންޑިއާއާއި ބަނގްލަދޭޝް ބޯޑަރ އޮފިޝަލުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވިގެންނެވެ.

މިޔަންމާގެ އަނިޔާވެރިކަމާ ހެދި ބަންގްލަދޭޝް ސަރަހައްދީ އިން ހުރަސްކޮށް އިންޑިއާ ސަރަހައްދުގެ ތެރެއަށްވަދެ، މިހާރުވެސް 1400 މުަސްލިމުން ދަނީ ޓެންޓް ޖަހައިގެން ދިރިއުޅެމުންނެވެ.

މިދިޔަ އަހަރު ވެސް މިޔަންމާގެ އަސްކަރިއްޔާ އާއި ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުން ވެގެން ދިން ހަމަލާތަކާ ގުޅިގެން ރެފިއުޖީންގެ ގޮތުގައި، 600000 މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ. އެ މީހުން ވަނީ މިޔަންމާއަށް އަނބުރާ ދިޔުމަށް ދެކޮޅު ހަދާފައެވެ.

ހައްދުފަހަނަ އަޅާފައިވާ ބުޑިސްޓުންނާއި މިޔަންމާ ސިފައިންގެ އަނިޔާވެރިކަމުގެ ސަބަބުން އެތައް ހާސް މުސްލިމުންނެއް ބަނގުލަދޭޝް އަށް ހިޖުރަކޮށްފައިވާއިރު، މިޔަންމާ ސިފައިން ހިންގި އަނިޔާވެރި އަމަލުތަކުގައި ގާތްގަނޑަކަށް 9000 އެއްހާ ރޮހިންޖާ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ފަސް އަހަރުން ދަށުގެ 730 ކުދިން ވެސް ހިމެނޭ ކަމަށް ގްލޯބަލް ހިއުމަޓޭރިއަން އޯގަނައިޒޭޝަންގެ ރިޕޯޓްތައް ބުނެއެވެ.