އިންޑިއާގެ މަދްޔަޕްރަދޭޝްގެ ގެއެއްގެ ތެރޭގައި އެއް އާއިލާއެއްގެ ހަތަރު މީހަކު މަރުވެފައި ތިއްބާ ފެނިއްޖެއެވެ.

އެ ގައުމުގެ ފުލުހުން ބުނީ މަރުވެފައި ތިބި މީހުންގެ ތެރޭގައި އަންހެނަކާއި، ވަރަށް ފަހުން އުފަންވި ކުއްޖަކުވެސް ހިމެނޭ ކަމަށެވެ.

އެ އާއިލާގެ އެންމެން މަރުވެފައި ތިއްބާ ފެނުނީ އިއްޔެ ހަވީރުގެ ވަގުތެއްގައިކަމަށް ރިޕޯޓްތައް ބުނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، މަރުވި މީހުންގެ ތެރޭގައި، އަންހެން މީހާގެ މަންމަ އާއި 12 އަހަރުގެ ކޮއްކޮ ހިމެނެއެވެ. އަދި މަންމަ އާ މާ ދުރުނޫން ހިސާބެއްގައި އަންހެން މީހާގެ ފިރިމީހާ ހޭނެތިފައި އޮއްވާ ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ އާއިލާ މަރުވީ ކީއްވެކަމެއް އަދި ބުނާކަށް ނޭނގޭ ކަމަށެވެ. އެ މީހުންގެ ތެރެއިން މަރުނުވެ އޮތް ސަންޖޫ ބޫރިއާ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި، އޭނާގެ ހާލު ސްޓޭބަލްކަން ހޮސްޕިޓަލުން އަންގާފައިވާކަމަށް ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހުން މަރުވެފައި ތިބި ގެ ހުރީ އެތެރެއިން ތަޅުލާފާއެވެ. އެ މީހުން މަރުވެފައި ވަނީ ހާސްވެގެން ކަމަށް ވެދާނެ ކަމަށާއި، ނަމަވެސް އެ މީހުންގެ ހަށިގަނޑުން އަނިޔާތަކެއް ފެންނަން ހުރިކަމަށް ވެސް ބެލެވެއެވެ. އެހެން ނަމަވެސް އެކަންކަން ކަށަވަރު ކުރަން އެނގޭނީ ޕޯސްޓްމޯޓަމް ރިޕޯޓް ލިބުމުންކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. މަރުވި މީހުންގެ އަނގައިން ފޮނުތަކެއް އައިސްފައިވާކަމަށްވެސް ވެއެވެ.

އެ އާއިލާ މީހުން މަރުވެފައި ތިބިކަން އެނގުނީ، އިއްޔެ ރެއާ ހަމައަށް އެއްވެސް ގޮތަކަށް އެ އާއިލާގެ އެއްވެސް މީހަކު އެއްވެސް އަވައްޓެރިއަކަށް ފެނިފައި ނުވުމުން އަވައްޓެރިން ކަންބޮޑުވެގެން ފުލުހުންނަށް ގުޅާ އެކަން އެެންގުމުން ފުލުހުން އައިސް އެގޭގެ ދޮރު ފަޅާފައި އެ މީހުންނަށް ވީ ގޮތް ބެލުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބޫރިއާގެ މައިދައިތަ އާއި އޭނާގެ ދަރިފުޅު އެގެއަށް އައީ ވަރަށް ފަހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮތަރު އިމްރާނު

    ކޮމިޝަނެއް ނުހަދާތަ؟