އިޒްރާއިލުގެ އަނިޔާވެރި އިސްތިއުމާރުގެ ބާރުގެ ދަށުގައި ތިބި ޣައްޒާގެ ރައްޔިތުންނަށް، ގަތަރުން ފައިސާ ބަހަން ފަށައިފިއެވެ. ޣައްޒާގެ ރައްޔިތުންނަށް ބެހުމަށް ގަތަރުން ނުވަ މިލިއަން ޑޮލަރު ފޮނުވާފައިވާއިރު، މިކަން ކުރިއަށް ގެންދަނީ އެސަރަޙައްދުގެ ޕޯސްޓް އޮފީހެއްގައެވެ.

ގަތަރުން ބަހާ ފައިސާ ހޯދުމަށްޓަކައި ޣައްޒާގެ އެތައް ރައްޔިތުންނެއް ޕޯސްޓް އޮފީހަށް ޖަމާވިއިރު، ކޮންމެ ރައްޔިތަކަށްވަނީ 100 ޑޮލަރު ދީފައެވެ. މިއަދު ހުރިހާ ފަރާތްތަކަށް ފައިސާ ފޯރުކޮށްދެވިފައި ނުވާއިރު، މާދަމާވެސް ފައިސާ ބެހުމަށް ވަނީ ނިންމާފައެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ޣައްޒާގެ ހުރިހާ ރައްޔިތުންނަށް ޖުމުލަ 400 ޑޮލަރުގެ އެހީއެއް ދިނުމަށް ގަތަރުން ވަނީ ނިންމާފައެވެ. މެދުއިރުމަތީގައި ބާކީ ކޮށްލާފައި އޮންނަ ގަތަރުން، މި 400 ޑޮލަރު ފޯރުކޮށްދޭނީ ހަތަރު އިންސްޓޯލްމަންޓަށް ބަހާލައިގެން، ހަތަރު ބުރެއްގެ މަތިންނެވެ.

ގަތަރުން މި އެހީތެރިިކަން ފޯރުކޮށްދެނީ 2018 ވަނަ އަހަރު އެކުލަވާލެވުނު ނުރަސްމީ އެއްބަސްވުމެއްގެ ދަށުންނެވެ. ޣައްޒާ ކޮންޓްރޯލް ކުރާ ހަމާސް އާއި އިޒްރާއިލާއެކު ގަތަރުން މި އެއްބަސްވުން ހަދާފައިވާއިރު ޖުމުލަ 15 މިލިއަން ޑޮލަރު ގަތަރު، ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީގެ ގޮތުގައި ޚަރަދު ކުރާނެއެވެ.

ހަމައެހެންމެ، ޣައްޒާގެ ސިވިލް ސާވަންޓުންނަށް މުސާރަ ދިނުމަށްވެސް ގަތަރުން އެހީތެރިކަން ފޯރުކޮށްދޭއިރު، އދ. އިން ޣައްޒާގައި ކުރިއަށްގެންދާ އިންސާނީ މަސައްކަތުގައިވެސް ގަތަރުން އެހީތެރިވުމަށް ނިންމާފައިވެއެވެ.