ބްރެޒިލްގެ ދަގަނޑު ނަގާ މައިނެއްގައި ހުރި ޑޭމްއެއް ފަޅައިގެންގޮސް، މަރުވި މީހުންގެ އަދަދު 34 އަށް އަރައިފިއެވެ.

ބްރެޒިލްގެ އެންމެ ބޮޑު މައިނިންގ ކުންފުނި، ވޭލް އިން ހިންގާ ޑޭމް ފަޅައިގެން ދިއުމުގެ މި ހިތާމަވެރި ހާދިސާގައި އިތުރު 300 އަށްވުރެ ގިނަ މީހުން ގެއްލިފައެވެ. ހާދިސާ ހިނގިއިރު އެ ސަރަޙައްދުގައި އެ ކުންފުނީގެ 400 އެއްހާ މުވައްޒަފުން ހަރަކާތްތެރިވަމުންދިޔަ ކަމަށާއި، އޭގެ ތެރެއިން 100 މީހުން މިހާރު ހޯދިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ހާދިސާގައި ކިސަޑުގެ ތެރޭގައި ތާށިވެފައިވާ އެތައް ބަޔަކު މިހާރު ސަލާމަތްކޮށްފައެވެ. ހާދިސާގައި ގެއްލިފައިވާ ގިނަ މީހުންނަކީ ދަގަނޑު މައިންގައި މަސައްކަތްކުރާ މީހުންނެވެ.

ގެއްލުނު މީހުން ދިރިތިއްބާ ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަ އިރު ޑޭމް ފަޅައިގެން ގޮސް ފޭބި ކިސަޑުގެ ތެރޭގައި ތާށިވެފައިވާ މީހުން ހޯދުމަށް ފަސް ހެލިކޮޕްޓަރު ދަނީ ބޭނުން ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހާދިސާގައި އިތުރު މީހުން ސަލާމަތް ކުރެވޭތޯ އެމަޖެންސީ ޓީމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

1976 ވަނަ އަހަރު އިމާރާތްކޮށްފައިވާ 500 މީޑަރު ފުޅާ މި ޑޭމް ފަޅައިގެންދިޔަ ސަބަބެއް އަދި ހޯދިފައި ނުވާއިރު، އެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް ހޯދުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ހާދިސާ ހިންގި ސަރަހައްދަށް ބްރެޒިލްގެ ރައީސް މިހާރު ގެންދަވަނީ ދަތުރު ކުރަވަމުންނެވެ. މިއީ ފަހުގެ ތާރީހެއްގައި އެގައުމުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ. މީގެ ތިން އަހަރު ކުރިން ބްރެޒިލްގެ އެހެން ސަރަހަށްދެއްގައި ހުރި މިފަދަ ޑޭމް އެއް ފަޅައިފެން ދިޔުމުގެ ހާދިސާއެއްގައި ނުވަ މީހުން މަރުވެފައިވެއެވެ.