މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވަން ވިލާތުގެ އިއްތިހާދުން ދިން މުހުލަތު ވެނެޒުއޭލާއިން ބޮލާލައި ޖަހައިފިއެވެ.

ހަމަނުޖެހުން ބޮޑުވެ ސަރުކާރު ވެއްޓުމުގެ މަގުމަތީގައި އޮތް ވެނެޒުއޭލާގެ ރައީސަށް ވިލާތުގެ އިއްތިހާދުގައި ހިމެނޭ އިނގިރޭސިވިލާތް, ޖަރުމަނު, ފްރާންސް, ސްޕެއިން ހިމެނޭ ގޮތަށް ވަނީ އަށް ދުވަސް ތެރޭ މިނިވަން އިންތިހާބެއް ބޭއްވުމަށް މުހުލަތު ދީފައެވެ.

ވިލާތުގެ އިއްތިހާދުގައި ހިމެނޭ މި ގަައުމުތަކުން ވަނީ މި މުއްދަތުތެރޭގައި އިންތިހާބެއް ނުބާއްވައިފިނަމަ ވެނެޒުއޭލާގެ އިދިކޮޅު ލީޑަރަކީ އެގައުމުގެ ގާނޫނީ ރައީސް ކަމަށް ބަލައިގަންނާނެ ކަމަށް ބުނެފައެވެ.

ވިލާތުގެ އިއްތިހާދުން މި އިންޒާރު ދީފައިވާއިރު އެމެރިކާއާއި، ކެނެޑާ، އަދި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުން މިހާރު ވަނީ އިކޮޅު ގުއާޑިއޯއަކީ ވެނެޒުއެލާގެ ވަގުތީ ރައީސުކަން ގަބޫލުކޮށްފައެވެ. މީގެ އިތުރުން ދެކުނު އެމެރިކާއިން ބްރެޒިލާއި، ކޮލޮމްބިއާއިންވެސް ވަނީ އެކަން ގަބޫލުކޮށްފައެވެ.

އިދިކޮޅު ލީޑަރުގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާ ހުއާން ވިދާޅުވީ ގައުމު މިނިވަންވަންދެން މުޒާހަރާގެ ބައިވެރިން މަގުތަކުގައި ތިބޭނެ ކަމަށެވެ. އޭނާ ވަނީ ސަރުކާރުގެ އަމުރުތަކަށް ސަލާމަތީ ބާރުތަކުން ކިޔަމަން ނުވުމަށް ގޮވާލައިފައެވެ.

އެމެރިކާ އިސްވެ އޮވެ ވެނެޒުއޭލާގައި ބަގާވާތެއް ރާވަމުން ދާކަމަށް ބުނަމުން ދާއިރު ވެނެޒުއެލާއިން ވަނީ މީގެ ކުރިން އެމެރިކާ އަޑީގައި އޮވެގެން އެގައުމުގެ ސަރުކާރު ވައްޓާލަން އެތަށް ފަހަރަކު މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.