ހަމަނުޖެހުން ބޮޑުވެ ސަރުކާރު ވެއްޓުމުގެ މަގުމަތީގައި އޮތް ވެނެޒުއޭލާއި ދެކޮޅަށް އަސްކަރީ ގޮތުން ފިޔަވަޅު އަޅަން އެމެރިކާއިން ވިސްނަމުންދާކަން ހާމަވެއްޖެއެވެ.

އިއްޔެ އެމެރިކާގެ ރިޔާސީ ގަޑުވަރު ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ނޭޝަނަލް އެޑްވައިޒަރ ޖޯން ބޮލްޓަން އަތަށް ނަގައިގެން ހުރި ނޯޓު ޕެޓެއްގައި އެމެރިކާއިން ވެނެޒުއޭލާގެ ކައިރީގައި އޮންނަ ކޮލަންބިއާ އަށް 5000 ސިފައިން ފޮނުވަން ވިސްނަމުންދާކަމަށް ވަނީ ލިޔެފައެވެ.

އިއްޔެ އެމެރިކާއިން ވަނީ ވެނެޒުއޭލާގެ މައި ތެޔޮ ކުންފުނިއަށް އަމާޒުކޮށް އެތަށް ބިލިއަން ޑޮލަރެއްގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޑޫރޯގެ ސަރުކާރުގައި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރަޝިޔާ އާއި ޗައިނާއިން ބުނެފައި ވަނީ އެ ގައުމުތަކުގެ ތާއީދު އޮތީ މަދޫރޯއަށް ކަމަށެވެ.

ރަޝިޔާގެ އިތުރުން ވެނެޒުއޭލާގެ ސިފައިން ވެސް ވަނީ ރައީސް މަޑޫރޯގެ ސަރުކާރު ދިފާއު ކުރާނެ ކަމަށް ބުނެފައެވެ. ރައީސް މަޑޫރޯވެސް ވަނީ ހުޅަގުގެ އިންޒާރުތަކަށް ފަހަތަށް ނުޖެހި އަސްކަރީޔާ އެއްބައިވަންތަވެ, އެކުވެރިވުމަށް ގޮވާލާފައެވެ.

ވިލާތުގެ އިއްތިހާދުގައި ހިމެނޭ ގަައުމުތަކުން ވަނީ އާއިންތިހާބެއް ނުބާއްވައިފިނަމަ ވެނެޒުއޭލާގެ އިދިކޮޅު ލީޑަރަކީ އެގައުމުގެ ގާނޫނީ ރައީސް ކަމަށް ބަލައިގަންނާނެ ކަމަށް ބުނެފައެވެ.

ވިލާތުގެ އިއްތިހާދުން މި އިންޒާރު ދީފައިވާއިރު އެމެރިކާއާއި، ކެނެޑާ، އަދި ދެކުނު އެމެރިކާގެ ބައެއް ގައުމުތަކުން މިހާރު ވަނީ އިދިކޮޅު ގުއާޑިއޯއަކީ ވެނެޒުއެލާގެ ވަގުތީ ރައީސުކަން ގަބޫލުކޮށްފައެވެ. މީގެ އިތުރުން ދެކުނު އެމެރިކާއިން ބްރެޒިލާއި، ކޮލޮމްބިއާއިންވެސް ވަނީ އެކަން ގަބޫލުކޮށްފައެވެ.

އެމެރިކާ އިސްވެ އޮވެ ވެނެޒުއޭލާގައި ބަގާވާތެއް ރާވަމުން ދާކަމަށް ބުނަމުން ދާއިރު ވެނެޒުއެލާއިން ވަނީ މީގެ ކުރިން އެމެރިކާ އަޑީގައި އޮވެގެން އެގައުމުގެ ސަރުކާރު ވައްޓާލަން އެތަށް ފަހަރަކު މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހިހި

  އެމެރިކާއިން ކުރާހާވެސް ކަމަކީ ތަންތަން ފަސާދަކުރުން ސުންނާފަތި ކުރުން. ޢެމެރިކާއިން އާރާސްތުކޮއްފައިއޮތް ތަނެއް އަދި ނުދެކެން ހުވަފެނުގަވެސް.

 2. ނައިސް

  އެމެރިކާއަށް އަސްކަރީހަމަލާދެނީ ޓެރަރިސްޓުން އެކަނި. ވެނެޒުވޭލާއަށް އަސްކަރީ ހަމަލާދެނީ ސިފައިން.....ހަމަޖެހޭ ދޯ.... ކޮންފަދަ ބޮޑު ބަލާވެރިކލަމެއްތަމީ

 3. އަޙްމަދު

  މިއީ ދެން ކިހާ ދެރަކަމެއް! އެމެރިކާ ޖެހޭތަ ހުރިހާ ތަނަކަށް ވަންނަން؟ މި މީހުންނަށް ހީވާކަހަލަ މުޅި ދުނިޔެ މިއީ މި މީހުންގެ ތަނެކޭ! ފުކެއް ބޮޑުވަރު! އަމިއްލަ ޤައުމުގެ ކަންކަން ރަނގަޅު ކުރަން އުޅުނިއްޔާ މާ ރަނގަޅުވާނެހެން ހީވަނީ!

 4. ސޯދިގު

  ވޯޓުން ވަގު ހަދައިގެން ވިޔަސް ވެރިކަން ކާމިޔާބު ކުރާ ފަރާތަކީ ވެރިފަރާތްކަމަށް މި ނިންމެނީ އެމެރިކާގެ ގޮޑިކޮއްކޮ އަކަށްވީމަ. ނުވަންޏާ އެ ސަރުކާރެއް ގަބޫލުނުކޮށް އަސްކަރީން ފޮނުވައިގެން ގައުމުަތަކަށް އަރައިގަތުމަކީ އެމެރިކާގެ މުޖްރިމްކަން