އަވަށްޓެރި އިންޑިޔާގައި އަދިވެސް ހަލުވި މިނުގައި ސްވައިން ފްލޫ ނުވަތަ އެޗް1އެން1 ފެތުރެމުންދާކަމަށާއި ބަލީގެ ސަބަބުން މަރުވި މީހުންގެ އަދަދު 72 އަށް އަރާފައިވާކަމަށް އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

އިންޑިޔާގެ ރާޖަސްތާނާއި އެސަރަޙައްދުގެ ކައިރި އެހެން ހިސާބުތަކުގައި ސްވައިން ފްލޫ ފެތުރެމުންދާއިރު ބަލި ޖެހިގެން ރިޕޯޓު ކުރަމުންދާ މީހުންގެ އަދަދު އެއްގޮތަކަށްވެސް މަދު ނުވާކަމަށް ކަމާ ބެހޭ ފަރާތްތަކާ ހަވާކާދީ ނޫސް ރިޕޯޓުތައް ބުނެއެވެ.

"އޭޝިއަން ނިއުސް އިންޓަނޭޝަނަލް" އިން ބުނެފައިވާ ގޮތުގައި ރާޖަސްތާނުގެ އަށް ސިޓީއެއްގައި ދަނީ ވަރަށް ހަލުވި މިނުގައި މި ބަލި ފެތުރެމުންނެވެ. ހަމައެހެންމެ، މަހަރަޝްތުރާގެ ޕޫނޭގައިވެސް މި ބަލި ފެތުރެމުންދާކަމަށް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

އެޤައުމުގެ ޞިއްޙީ ދާއިރާގެ އިސް އޮފިޝަލެއްކަމުގައިވާ ޑރ.ރަވީ ޕްރަކާޝް މާތުރު ބުނެފައިވަނީ އެޤައުމުގައި ފެތުރެމުންދާ ސްވައިން ފްލޫ އަކީ އެއް ސްޓްރެއިން އެއްގެ ބައްޔެއްކަމަށާއި ފެތުރެމުންދަނީ މިޝިގަން ސްޓްރެއިންގެ ބަލިކަން ދެނެގަނެވިފައިވާކަމުގައެވެ.

ސްވައިން ފްލޫ ފެތުރެމުންދިޔުމުގެ ސަބަބުން ވެކްސިން ދިނުމުގެ ކަންކަންވެސް އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެހެންނަމަވެސް، ވެކްސިން ދިނުން އަދި މަޖުބޫރު ކޮށްފައިވަނީ ބައެއް ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށާއި މުވައްޒަފުންނަށް އެކަންޏެވެ. ހަމައެހެންމެ، ހޮސްޕިޓަލުތަކުގައި، ސްވައިން ފްލޫ އަށް ފަރުވާ ދިނުމަށް އެކަހެރި ވޯޑުތައްވެސް ވަނީ ކަނޑައަޅާފައެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ކޮންމެ އަހަރެއްގެވެސް ޖަނަވަރީ މަހާއި ފެބުރުއަރީ މަހުގެ ތެރޭގައި އެޤައުމުގައި މި ބަލި ފެތުރޭ މިންވަރު އިތުރުވެއެވެ. އެހެންނަމަވެސް، މި އަހަރު ބަލި މިވަނީ މި ފަހުން އިތުރު ނުވާ މިންވަރަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު