ކެނެޑާ އިން ހައްޔަރުކޮށްފައިވާ "ވާވޭ" ގެ އިސްވެރިއެއްކަމުގައިވާ މެންގ ވަންޒޫގެ މައްޗަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ބޮޑެތި ތުހުމަތުތަކެއް ކޮށް، ގިނަ ދައުވާތަކެއް އުފުލައިފިއެވެ. ވެންގގެ އިތުރުން، ޗައިނާގެ ވަރުގަދަ ވާވޭ ކުންފުންޏާއި، އެކުންފުނީގެ ދަށުން ހިންގަމުންދާ އެހެން ދެ ސަބްސިޑަރީ ކުންފުންޏެއްގެ މައްޗަށްވެސް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.

ނޫސް ރިޕޯޓުތައް ބުނާ ގޮތުގައި މި ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ އެއް ދައުވާއަކީ ކުންފުނީގެ ވިޔަފާރިއާ ގުޅިގެން ބޭންކުތަކަށް އޮޅުވާލުމެވެ. ހަމައެހެންމެ، އެހެން ކުންފުންޏެއްގެ ވިޔަފާރީގެ ސިއްރުތަކެއް ހޯދައިގެން، އެއެއްޗެހި ވިއްކިކަމުގެ ތުހުމަތެއްވެސް އެފަރާތްތަކުގެ މައްޗަށް ކޮށްފައިވެއެވެ.

މީގެއިތުރުން، އެމެރިކާ އިން އީރާނާ ދެކޮޅަށް އެޅި ފިޔަވަޅުގައި ބަޔާން ކޮށްފައިވާ ކަންކަމާ ޚިލާފުވުމުގެ ކުށުގެ ދައުވާވެސް އުފުލާފައިވެއެވެ.

ބައިނަލްއަޤުވާމީ ނޫސް ރިޕޯޓުތައް ބުނާގޮތުގައި މިކަމުގެ ސަބަބުން އެމެރިކާ އާއި ޗައިނާއާދެމެދު ދިމާވެފައިވާ މައްސަލަތައް އިތުރަށް ގޯސްވެ، ދެ ޤައުމުގެ އިޤުތިޞާދީ ހަނގުރާމަ އިތުރަށް ވަރުގަދަވެދާނެކަމުގެ ވަރަށް ބޮޑު ފުރުޞަތެއް އެބައޮތެވެ.

މިކަމާ ގުޅިގެން ވާވޭ އިން ބުނެފައިވަނީ މި ތުހުމަތުތަކާއެކު މަޝްވަރާ ކުރުމަށް އެކުންފުނިން އެމެރިކާގެ ޕްރޮސެކިއުޓަރުންގެ ކިބައިން އެދުނުކަމުގައެވެ. އެހެންނަމަވެސް، އެކަންކަމަށް އެޤައުމުން އިޖާބަ ނުދޭކަމަށް ބުންޏެވެ.

ހަމައެހެންމެ، މެންގ، އެއްވެސް ކުށެއް ކޮށްފައިވާކަމަށް ނުބެލެވޭކަމަށްވެސް ވާވޭ އިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ޗައިނާގެ ފޮރިން މިނިސްޓްރީ އިން ބުނެފައިވަނީ މިއީ ސިޔާސީ މަގުސަދުތަކެއް ހާޞިލު ކުރުމަށް ކޮށްފައިވާ ކަމެއްކަމުގައެވެ. ހަމައެހެންމެ، އެމެރިކާ އިން ބޭނުންވާ ކަމަކީ ޗައިނާގެ ވަކި ވަކި ކުންފުނިތަކަށް އަމާޒުކޮށް ދަތި ކުރުންކަމަށްވެސް ބުންޏެވެ.

މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް، ޗައިނާ ސަރުކާރުގެ އެހެން ބައެއް އިދާރާތަކުންވެސް ބުނެފައިވެއެވެ.