އެމެރިކާގެ ބައެއް ސަރަޙައްދުތައް، ފުރާނައަށް ނުރައްކާވާ މިންވަރަށް ފިނިގަދަވެއްޖެއެވެ. މިކަމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކޮށްފައިވާއިރު ބައެއް ސަރަޙައްދުތައް ފިނިގަދަވުމުގެ ސަބަބުން އެންޓާޓިކާ އަށް ވުރެވެސް ފިނި ގަދަކަމަށް މައުލޫމާތު ލިބެއެވެ.

ބޭރުގެ ނޫސްތަކުން ބުނާގޮތުގައި މިއީ އެމެރިކާގެ ބޮޑު ސަރަޙައްދަކަށް، ފަހުގެ ތާރީޚެއްގައި ފިނި ގަދަވި ފުރަތަމަ ފަހަރެވެ. އަދި މިއީ އާކްޓިކް ސަރަޙައްދުން އަންނަ ފިނި ވައިގެ ސަބަބުން ކުރިމަތިވާ ކަމެއްކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

ނޫސްތަކުން ބުނާގޮތުގައި ފިނިގަދަވުމުގެ ސަބަބުން މިހާރު އަސަރުކޮށްފައިވާ ސަރަޙައްދުތަކަކީ އިލިނޮއިސް، އަޔޯވާ، މިނެސޮޓާ، ނޯތު ޑަކޯޓާ، ސައުތު ޑަކޯޓާ، ވިސްކޮންސިން، ކަންސަސްގެ ބައެއް ސަރަޙައްދުތައް، މިސޫރީ، މޮންޓަނާ އަދި ނެބްރަސްކާ އެވެ.

މީގެތެރެއިން ބައެއް ސަރަޙައްދުތަކުގެ ފިނިހޫނުމިން، މައިނަސް 70 ޑިގްރީ ސެލްސިއަސް އަށްވެސް ގޮސްފައިވާކަމަށް "ސީއެންއެން" އިން ބުނެފައިވެއެވެ.

އިތުރު ބައެއް އެހެން ނޫސްތަކުން ބުނާގޮތުގައި ފިނި ގަދަވުމުގެ ސަބަބުން ފަސް ވަރަކަށް މިނެޓު ވަންދެން ހަންގަނޑުގައި ފިނި ވައި ޖެހެންދެން ހުރުންވެސް ވަނީ ނުރައްކާތެރި ކަމަކަށްވެފައެވެ. ހަމައެހެންމެ، ބޭރުތެރޭގައި މާނޭވާ ލުމާއި ގިނައިން ވާހަކަ ދެއްކުންވެސް ވަނީ ނުރައްކާތެރި ކަމަކަށްވެފައެވެ.

މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ސްކޫލުތަކުގެ ކިޔެވުންވެސް ވަނީ ކެންސަލް ކޮށްފައެވެ. ހަމައެހެންމެ، ގިނަ އެއަރލައިންތަކުން މި ސަރަޙައްދުގައި ކުރަން ހަމަޖައްސާފައިވާ ދަތުރުތައްވެސް ވަނީ ކެންސަލް ކޮށްފައެވެ.

މި ހާލަތުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު އެކަކު މަރުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. އޭނާ މަރުވީ ގޭގެ ތަޅުދަނޑި ނެތުމުން ގެއަށް ނުވަދެވި މަގުމަތީގައި ހުންނަން ޖެހުމުން، ފިނިން ސަލާމަތްވާނެ ގޮތެއް ނެތުމުންކަމަށް ސީއެންއެން އިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝިޔާމް

    ﷲ ސުބުހާނަހޫ ވަތައާލާގެ މޫރިތި ބަސްފުޅުގައިވާ ފަދައިން...."ތިމަންރަސްކަލާނގެ އަޒާބު ގަދަފަދަ ވެގެންވެއެވެ." ވިސްނާކަން ކަށަވަރީ ބުއްދީގެ އަހުލުވެރިންނެވެ.