ސިޔާސީ ހަލަބޮލިކަން އިންތިހާއަށް ގޮސްފައިވާ ވެނެޒުއޭލާގެ 20 ޓަނުގެ ރަން، ރަޝިއާއަށް ގެންގޮސްފި ކަމަށް ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފިއެވެ.

މި ރަންތަކަކީ ވެނެޒުއޭލާގެ ގައުމީ ބޭންގައި ރައްކާކޮށްފައި ހުރި ރަން ކަމަށް ވެއެވެ. މިރަންތަކުގެ އަގު 840 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ކޮންޓްރޯލް ކުރަމުން އަންނަ ޤާނޫނު ހަދާ މަޖިލީހުން އިއްޔެ ބުނީ ރަޝިއާގެ ފްލައިޓެއްގައި އިއްޔެ ވެނެޒުއޭލާ އިން ގިނަ އަދަދެއްގެ ރަން ބޭރު ކޮށްފައިވާ ކަމަށެވެ. ބޭރު ކުރި ރަނުގެ އަދަދު ގާތްގަނޑަކަށް 20 ޓަނަށް އަރާނެ ކަމަށް ވެސް ޤާނޫނު ހަދާ މަޖިލީހުން ކުރި ޓްވީޓެއްގައި ބުނެފައި ވެއެވެ.

ނަމަވެސް ރަޝިއާ އިން ވަނީ ވެނެޒުއޭލާގެ އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ ތުހުމަތުތައް ދޮގުކޮށްފައެވެ. ރަޝިއާ އިން ބުނީ ވެނެޒުއޭލާގައި ހުރި ރަންތަކެއް ރަޝިއާއަށް ގެންދަން ފްލައިޓެއް ފޮނުވާފައި ނުވާނެ ކަމަށާއި ކުރަމުންދާ ތުހުމަތުތަކުގައި އެއްވެސް އަސްލެއް ނެތް ކަމަށެވެ.

ވެނެޒުއޭލާގައި އުފެދިގެން އުޅޭ ސިޔާސީ ހަމަނުޖެހުންތަކުގައި ރަޝިއާ އިން ގެންދަނީ މިހާރުގެ ރައީސް މަދޫރޯ އަށް ވާގިވެރިވަމުންނެވެ. މަދޫރޯގެ ވެރިކަން ދިފާޢު ކުރަން ސިފައިން ފޮނުވަން ޖެހިއްޖެނަމަ ސިފައިން ފޮނުވާނެ ކަމަށް ވެސް ރަޝިއާ އިން ވަނީ ބުނެފައެވެ. ނަމަވެސް އެމެރިކާ އިން ގެންދަނީ ވެނެޒުއޭލާގެ އިދިކޮޅު ލީޑަރަކީ މިހާރު ރައީސް ކަމަށް ބަލައިގަނެ، އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދެމުންނެވެ.

ވެނެޒުއޭލާގެ ހާލަތު މިހާރު އޮތީ ކޮންމެ ވަގުތަކު ވެސް ހަނގުރާމައެއް ފެށިދާނެ ހާލަތެއްގައި ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެމެރިކާ

    އެމެރިކާއިން ބަލާނެ އަބަދުވެސް ޤައުމެއް ފުޑާލެވޭތޯ. ވެނެޒުވެލާގެ ތެޔޮވަޅުތައް ހޯދަން މިހާރު އެމަސައްކަތްކުރަނީ

  2. ސަޒަން

    ޔަހޫދީން މިކަހަލަ ކޮންމެ ދޭތެރެއަކަށް ވަންނާނެ ފިތުނަ އުފައްދާނެ