އޮސްޓްރޭލިޔާ އަށް ހޫނުގަދަވެ، އިންސާނުންނާއި ޖަނަވާރުން ދިރިއުޅެން ދަތިވާ ވަރަށް ބައެއް ސަރަޙައްދުތަކުގެ ފިނިހޫނުމިން މައްޗަށް ގޮސްފިއެވެ.

އެޤައުމުގެ ހުރިހާ ސަރަޙައްދެއްވެސް ހޫނުގަދަވެފައިވާއިރު، އެކަމުގެ ސަބަބުން ބައެއް ތަންތަން ދަނީ ވިރިގެން ފައިބަމުންނެވެ. ދަތުރުފަތުރު ކުރުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އަސަރުތަކެއް ކޮށްފައިވާއިރު އެކި ތަންތަނުގައި އުޅެމުންދާ ޖަނަވާރުތަކާއި ކޯރުތަކުގައި އުޅެމުންދާ މަސްތައްވެސް ދަނީ މަރުވަމުންނެވެ.

ބައިނަލްއަޤުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި މިހާރު އެޤައުމުން ކުރިމަތިލަމުންދާ ހޫނުގެ ތެރެއިން، އެންމެ ބޮޑަށް ފިނިހޫނުމިން މައްޗަށް ގޮސްފައިވަނީ ދެކުނުގެ ސިޓީއެއްކަމުގައިވާ އެޑެލެޑުގައެވެ. މިދިޔަ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހު އެސަރަހައްދުގެ ފިނިހޫނުމިނުގެ ގޮތުގައި ރިކޯޑު ކުރެވިފައިވަނީ 46 ޑިގްރީ ސެލްސިއަސް އެވެ.

އޮސްޓްރޭލިޔާގެ ބިއުރޯ އޮފް މީޓޮރޮލޮޖީ އިން މިއަދު ބުނެފައިވާ ގޮތުން ރިކޯޑު ކުރެވެން ފެށީންސުރެ، އެޤައުމަށް އެންމެ ހޫނުގަދަ ޖަނަވަރީ އަކީ މި އަހަރުގެ ޖަނަވަރީ މަހެވެ.

ހޫނުގަދަވުމުގެ ސަބަބުން އޮސްޓްރޭލިޔާގެ ރައްޔިތުންނަށް ވަނީ ގިނަ އަދަދެއްގެ ޞިއްހީ އިންޒާރުތަކެއްވެސް ނެރެފައެވެ. ދުވަހުގެ ހޫނުގަދަ ވަގުތު ބޭރުތެރޭގައި ނޫޅުމަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދީފައިވާއިރު ގިނަ ގިނައިން ފެން ބުއިމަށްވެސް ޞިއްޙީ މާހިރުން ވަނީ އެޤައުމުގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ.

މީގެއިތުރުންވެސް، ހޫނުގަދަ ވުމުގެ ސަބަބުން ޖަންގަލިތަކުގެ ގަސްތައް ހިކިފައިވާއިރު އެފަދަ ބައެއް ތަންތަނުގައި އަލިފާނުގެ ޙާދިސާތައްވެސް ހިނގާފައިވެއެވެ.

ހޫނުގަދަވުމުގެ ސަބަބުން އަދިވެސް އެޤައުމަށް އިތުރު ނުރައްކާތަކެއް ކުރިމަތިވުމުގެ ފުރުޞަތު އެބަ އޮތްކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. މޫސުމަށް އަންނަ ބަދަލުތަކާއެކު އެކަންކަން އަދިވެސް އިތުރަށް ގޯސްވާނެކަމަށް އެފަރާތްތަކުން ބުނެއެވެ.