ބިންހެލުންތަކާއި ސުނާމީ އާއްމު ސަރަޙައްދެއްގައި އޮންނަ ޖަޕާނަށް، ނުރައްކާތެރި ބޮޑު ސުނާމީއެއް އެރުމުގެ ބިރު ބޮޑުވެއްޖެއެވެ. އެޤައުމުގެ ބައެއް ސަރަޙައްދުގައި މި ބިރުވެރިކަން އުފެދިފައިވަނީ، ސުނާމީއެއްގެ ކުރިން ފެންނަ ބައެއް އަލާމާތްތައް ފެންނަމުންދާތީއެވެ.

ޖަޕާނުގެ މީސް މީޑިޔާގައި މި ވާހަކަ ދެކެވެމުންދާއިރު، ސުނާމީއެއް އަރަން އުޅޭކަމުގެ އަލާމާތެއްގެ ގޮތަށް ފެންނަމުންދަނީ ކަނޑުގެ ވަރަށް އަޑީގައި ދިރިއުޅެމުންދާ މަސްތަކެއް، މަރުވެގެން އެޤައުމުގެ އައްސޭރިފަށުގެ ސަރަޙައްދުތަކަށް ލައްގަމުން ދިއުމެވެ.

ކަނޑުގެ 3000 ފޫޓުގެ އަޑީގައި އުޅޭ އޯފިޝް ނަމަކަށް ކިޔާ ބާވަތުގެ މަސްތަކެއް މަރުވެގެން ލައްގާފައި ހުއްޓާ ފެންނަމުންދާއިރު، ފާއިތުވި 10 ދުވަހުގެ ތެރޭގައި އެފަދަ ތިން މަސް ފެނިފައިވާކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެއެވެ. "ސައުތު ޗައިނާ މޯނިންގ ޕޯސްޓް" އިން ބުނެފައިވާ ގޮތުން، މި މަސްތައް ލެއްގީ އެޤައުމުގެ ޓޮޔަމާ ބޭ ސަރަޙައްދަށެވެ.

"ލައިވް ސައިންސް" އިން ބުނެފައިވާ ގޮތުގައި 2011 ވަނަ އަހަރު ޖަޕާނަށް އެރި ގެއްލުން ބޮޑު ސުނާމީގެ ކުރިންވެސް އެޤައުމުގެ އެކި ސަރަޙައްދުތަކަށް މި ބާވަތުގެ މަސް މަރުވެގެން ލައްގާފައިވެއެވެ. އެގޮތުން އެފަދަ ވިއްސަކަށް މަސް، އެފަހަރު ސުނާމީގެ ކުރިން ފެނުނުކަމަށް ބުނެފައިވެއެވެ.

2011 ވަނަ އަހަރު ޖަޕާނަށް އެރި ބިންހެލުމުގެ ސަބަބުން އެޤައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެގޮތުން، 19000 މީހުން އެ ކާރިސާގައި މަރުވިއިރު، ފުކުޝީމާ ނިއުކްލިޔަރ ޕްލާންޓް އެއްކޮށް ގޮވައިގެން ދިޔައެވެ. އެއީ ފަހުގެ ތާރީޚެއްގައި އެއް ޤައުމުން މިހާ ގިނަ ބަޔަކު މަރުވި ކާރިސާއެވެ.

ހަމައެހެންމެ، 2010 ވަނަ އަހަރު ޗިލީ އަށް އައި 8.8 މެގްނިޓިއުޑުގެ ބިންހެލުމެއްގެ ކުރިން އެޤައުމުގެ އައްސޭރިފަށަށްވެސް ކަނޑު އަޑީގައި އުޅޭ މަސްތަކެއް ލެއްގިއެވެ.