އިންޑިޔާގެ ބޮޑުވަޒީރު އަދި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީގެ ވެރިޔާ، ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގަންނަވަމުން ދިޔަ ކެމްޕޭން ރެލީއެއްގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފިއެވެ.

އެޤައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ހަމަނުޖެހުން ހިނގާފައިވަނީ އެޤައުމުގެ އިރުމަތީ ސަރަޙައްދުގެ، ވެސްޓް ބެންގަލްގައި ކުރިއަށް ދިޔަ ކެމްޕޭން ރެލީއެއްގައެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި މި ރެލީގައި ބައިވެރިވާ ފަރާތްތަކާ މުޚާޠަބުކޮށް މޯދީ ވާހަކަފުޅު ދައްކަވަމުން ދިޔައިރުވެސް، ބައެއް ފަރާތްތަކުން ދިޔައީ ހަމަނުޖެހުން ހިންގަމުންނެވެ. އެފަރާތްތަކުން އާއްމުކޮށްފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި، މީހުންގެ ބޯ މަތިން ދިޔައީ ގޮނޑިފަދަ އެއްޗެހި އުކަމުންނެވެ.

"ޓައިމްސް އޮފް އިންޑިޔާ" އިން ބުނި ގޮތުގައި މި ހަމަނުޖެހުންތަކުގެ ސަބަބުން ބައެއް ފަރާތްތަކަށް އެކި ވަރުގެ ޒަޚަމްތައްވެސް ލިބިފައިވެއެވެ. އެހެންނަމަވެސް، އެއްވެސް ފަރާތަކަށް ބޮޑު ނުވަތަ ސީރިޔަސް އަނިޔާއެއް ލިބިފައިވާކަމަށް، މައުލޫމާތު ނުލިބެއެވެ.

މޯދީ ބައިވެރިވެވަޑައިގެންނެވި ރެލީގެ ތެރެއިން ހަމަނުޖެހުން ހިނގުމާ ގުޅިގެން މޯދީ ވަނީ މަޢާފަށްވެސް އެދިވަޑައިގަންނަވާފައެވެ. އެހެންނަމަވެސް، ހަމަނުޖެހުންތައް ހިނގަން މެދުވެރިވި ސީދާ ސަބަބެއް ނޭނގެއެވެ.