ބަގާވާތެއްގެ ތުންފަތްމަތީގައި އޮތް ވެނެޒުއޭލާ އަށް އެމެރިކާ ސިފައިން ފޮނުވަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

އިއްޔެ އެމެރިކާގެ ރައީސް ޓްރަމްޕް ރިޔާސީ ގަޑުވަރު ވައިޓް ހައުސްގައި ތަގުރީރު ކުރަމުން ބުނީ ވެނެޒުއޭލާ އާއި ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ވިސްނުމެއް ކަމަށާއި ކުރިއަށް އޮތްތާންގައި ވެނެޒުއޭލާގެ ހާލަތު ރަނގަޅު ނުވާނަމަ އެފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.

ތެލުގެ މުއްސަދިކަން ލިބިފައިވާ ވެނެޒުއޭލާގައި އެތަށް ހާސްބަޔަކު މަގުތަކަށް ނުކުމެ ރައީސް މަޑޫރޯގެ ވެރިކަން އިތުރަށް ދެން ބޭނުން ނުވާކަމަށް ބުނެ އަޑު އުފުލަމުން ދާއިރު މަޑޫރޯ ހުންނެވީ ގޮތް ދޫކުރައްވާ އިސްތިއުފާ ދެއްވާ ގޮތަކަށް ނޫނެވެ.

ސިޔާސީ މަސްރަހު ހޫނުވެފައިވާ ވެނެޒުއޭލާގެ އަސްކަރިއްޔާގެ އިސް ޖެނެރަލަކު އިއްޔެ ވަނީ އެ ގައުމުގެ ރައީސް ކަމަށް އަމިއްލަޔަށް ހުވާކުރައްވައިގެން ހުންނެވި އިދިކޮލު ލީޑަރު ހުއާން ގުއައިޑޯއަށް ބައިއަތު ހިފާފައެވެ. މީގެ ކުރިން އެމެރިކާ ހިމެނޭ ގޮތަށް ހުޅަނގުގެ ގިނަ ގައުމުތަކުން ވެސް ވަނީ ގުއައިޑޯ އަށް ބައިތު ހިފާފައެވެ.

23 ވަނަ ދުވަހު ވެނެޒުއޭލާގެ އައު ރައީސް އަކީ ގުއައިޑޯ ކަމަށް އޭނާ އަމިއްލައަށް އިއުލާނު ކުރިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޑޫރޯގެ ސަރުކާރުގައި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ބުނެފައެވެ. އެކަމަކު ރަޝިޔާ އާއި ޗައިނާއިން ބުނެފައި ވަނީ އެ ގައުމުތަކުގެ ތާއީދު އޮތީ މަދޫރޯއަށް ކަމަށެވެ.

ރަޝިޔާގެ އިތުރުން ވެނެޒުއޭލާގެ ސިފައިން ވެސް ވަނީ ރައީސް މަޑޫރޯގެ ސަރުކާރު ދިފާއު ކުރާނެ ކަމަށް ބުނެފައެވެ. ރައީސް މަޑޫރޯވެސް ވަނީ ހުޅަގުގެ އިންޒާރުތަކަށް ފަހަތަށް ނުޖެހި އަސްކަރީޔާ އެއްބައިވަންތަވެ, އެކުވެރިވުމަށް ގޮވާލާފައެވެ.

އެމެރިކާ އިސްވެ އޮވެ ވެނެޒުއޭލާގައި ބަގާވާތެއް ރާވަމުން ދާކަމަށް ބުނަމުން ދާއިރު ވެނެޒުއެލާއިން ވަނީ މީގެ ކުރިން އެމެރިކާ އަޑީގައި އޮވެގެން އެގައުމުގެ ސަރުކާރު ވައްޓާލަން އެތަށް ފަހަރަކު މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލ

    އެމެރިކާ ދެފައި މުޅި ދުނިޔޭގައި ކިހާ ބޮޑު ބ.......

  2. ހުސޭނުބޭ

    ޑިމޮކްރަސީގެ އައްޕަ ތެޅޭ ގޮތެއް!

  3. Anonymous

    އަޅެ މި އެމެރިކާ އަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ބަލަދު ވެރިފަރާތްތަ. މީހަކު ހޭބަލިވެދާނެ. އެގައުމުގެ އިގްތިސޯދު ހަލާކުކޮއް ގައުމު ފޭރިގަންނަން އެއުޅެނީ. މިއީ އަސްލު ޕައިރޭޓުންނަކީ..

  4. ގަނޑިޔާ!!!

    ތެޔޮ ބޮއެ ބޮއެގެން މިއެއްޗިހިތަށް މަސްތެއްވެސް ނުވޭތަ؟މިހާރު އެއުޅެނީ އެތާންގެ ތެޔޮކޮޅު ފޭރޭނެ ގޮތެެއް ނޭންގިގެން... ބޮޑު އާފާތެއް ދުނިޔެއަށް ހުރި!!!!