ރާއްޖޭގައި، ވަކިން ސިނގިރޭޓު ވިއްކުން ހުއްޓުވުމަށް ވަނީ ނިންމާފައެވެ. ފިހާރަތަކުން، މި ގޮތަށް އަމަލު ކުރުން ލާޒިމު ކުރުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް، މިއީ އަދި މައްސަލައެއް މުޅިން ލިބޭނެ ހައްލެއް ނޫނެވެ. އެހެންނަމަވެސް، އެކަމަށް ލިބޭނެ ކޮންމެވެސް ވަރެއްގެ ހައްލެކެވެ.

މި ޤައުމުގައި ވަކިން ސިނގިރޭޓު ވިއްކުން ހުއްޓުވުމަށް ނިންމާފައިވާއިރު، އެމެރިކާގެ ދަށުގައި އޮންނަ ޖަޒީރާ ރަށްތަކެއްކަމުގައިވާ ހަވާއީގައި އެއްކޮށް ސިނގިރޭޓު ވިއްކުން ހުއްޓުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިކަމަށްޓަކައި ޤާނޫނު ހަދާ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ.

ޑިމޮކްރަޓްސްގެ ސްޓޭޓް ރިޕްރެޒެންޓޭޓިވް، ޑރ. ރިޗަޑް ކްރީގަން މި ބިލު ހުށަހަޅާފައިވާއިރު، ސިނގިރޭޓު ވިއްކުން ހުއްޓުވުމުގެ އިތުރުން، ސިނގިރޭޓު ބުއިން ހުއްދަވާ އުމުރު އިތުރު ކުރުމަށް ވަނީ ހުށަހަޅާފައެވެ. މިހާރު އެކަމަށް ހުއްދަ އުމުރަކީ 21 އަހަރުކަމުގައިވާއިރު، 2020 ވަނަ އަހަރު 30 އަހަރަށް، 2021 ވަނަ އަހަރު 40 އަހަރަށް، 2022 ވަނަ އަހަރު 50 އަހަރަށް، 2023 ވަނަ އަހަރު 60 އަހަރަށް އަދި 2024 ވަނަ އަހަރު، ސިނގިރޭޓު ވިއްކޭނީ އުމުރުން 100 އަހަރުން މަތީގެ މީހުންނަށްކަމަށް ހުށަހަޅާފައިވެއެވެ.

އެހެންކަމުން، 2024 ވަނަ އަހަރު މިކަން އެއްކޮށް ހުއްޓުވޭނެކަމަށް އަންދާޒާ ކުރެއެވެ.

ޑޮކްޓަރެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކޮށްފައިވާ ކްރީގަން ބުނެފައިވާ ގޮތުން ޓެކްސް ނެގުމާއި އެނޫންވެސް ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާއިދުތަކުގެ ސަބަބުން ހަމައެކަނި އެކަން ކަން ކުރުން ހުއްޓުވުނީ މިންވަރަކަށެވެ. އެހެންނަމަވެސް، އެއްގޮތަކަށްވެސް މުޅި މައްސަލައަށް ހައްލެއް ގެނެވިފައި ނުވެއެވެ.

ކްރީގަން ހުށަހަޅާފައިވާ ބިލުގައި ބުނެފައިވާ ގޮތުން އެއްވެސް ވިޔަފާރިއަކުން، ކަނޑައެޅިފައިވާ އުމުރަށްވުރެ ދަށުގެ މީހަކަށް ސިނގިރޭޓު ވިއްކައިފިނަމަ، އެވިޔަފާރިއެއް 500 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރެވޭނެއެވެ.