މަސްތުވާތަކެއްޗާ ގުޅުންހުރި ބޮޑެތި ކުށްތަކުގައި ކުށްވެރިވެފައިވާ ފަރާތްތަކުގެ މައްޗަށް މަރުގެ ޙުކުމް ތަންފީޛު ކުރުމަށް، އަވަށްޓެރި ސްރީ ލަންކާ އިން ތައްޔާރުވަމުން އެބަދެއެވެ.

ކަމާ ބެހޭ ފަރާތްތަކުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި، ކުށްތައް ސާބިތުވެފައިވާ އަދި މަރަން ހުކުމް ކޮށްފައިވާ ފަރާތްތައް މެރުމުގެ އަމުރުގައި އެޤައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ސޮއި ކުރެއްވުމުން ޙުކުމް ތަންފީޛު ކުރެވޭނެއެވެ. އެކަމަށް ވާން ޖެހޭ ތައްޔާރީތައް ވެފައިވާކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ އަހަރު ސިރިސޭނާ ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް ކުރާ ފަރާތްތަކަށް އެޤައުމުން ހަރުކަށި އަދަބު ދޭނެކަމުގައެވެ. އަދި އެކަމަށް ހިތްވަރު ލިބިގަނެފައިވަނީ ފިލިޕީންސް އިންކަމަށް އެޤައުމުގެ އެހެން އިސް ފަރާތްތަކުން ބުނެފައިވެއެވެ.

ލަންކާގެ ރައީސް، މައިތިރިޕާލާ ސިރިސޭނާ

ލަންކާގެ ޖަސްޓިސް މިނިސްޓަރު، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން އިއްޔެ ވިދާޅުވީ މަރުގެ ޙުކުމް ތަންފީޛު ކުރުމަށް ވާން ޖެހޭ ޤާނޫނީ އަދި އިދާރީ ކަންކަން، މިދިޔަ މަހު ނިމިފައިވާކަމުގައެވެ.

ޖަސްޓިސް މިނިސްޓަރު އަތާތާ އަތުކޮރަލޭ އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި މި އަހަރުގެ ޖަނަވަރީ މަހާ ދެމެދު، މަރުގެ އަދަބު ދިނުމަށް ފަސް މީހެއްގެ ނަން ފޮނުވާފައިވާކަމަށެވެ. އަދި އަމުރުތަކުގައި ސޮއި ކުރަން ރައީސްއަށް ހުށަހަޅާފައިވާކަމަށްވެސް ވިދާޅުވިއެވެ.

އެހެންނަމަވެސް، މީހުން މަރަން ޖައްލާދެއް ހަމަނުޖެއްސޭކަމަށާއި، އެމަޤާމަށް މީހަކު ހޯދަން އިއުލާން ކުރިކަމުގައިވިޔަސް، އެއްވެސް ފަރާތަކުން ކުރިމަތި ނުލާކަމަށް ޖަސްޓިސް މިނިސްޓަރު ވިދާޅުވިއެވެ.

ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ ޙުކުމް ތަންފީޛު ކޮށްފައިވަނީ މީގެ 42 އަހަރު ކުރިން، 1976 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    މަށަށް ހާދަ ބޮޑަށް ޔަޤީންކުރެވެޔޭ ތި މަރުގެ އުޤޫބާތުގައި ދިވެހިންގެ ބަޔަކު އަޅާގަންނާނެކަމަށް!

  2. ޖިންނި

    މި ރާއްޖޭގަވެސް ކަންތައް ކުރަންވީ އެ ގޮތަށް އޭރުން އަހިވަކާއި ޖެހި އަހިވަށް ފާވުން ހުއްޓޭނެ