2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ލާއިންސާނީ ގޮތަކަށް މަރާލި އެމެރިކާގެ ނޫސްވެރިޔާ، ޖަމާލް ޚަޝޯޤީގެ މަރާ ގުޅިގެން އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސް އަށް މައުލޫމާތު ހިއްސާކުރުމަށް، ވައިޓް ހައުސް އަށް ދިން ސުންގަޑި ހަމަވިއިރުވެސް، ވައިޓް ހައުސް އިން އެކަން ކޮށްފައި ނުވުމުން ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

ކޮންގްރެސްގެ ފޮރިން އެފެއާޒް ކޮމިޓީއަށް، ޚަޝޯޤީގެ މަރާ ގުޅިގެން ހޯދިފައިވާ މައުލޫމާތު ހިއްސާކުރުމަށް ވައިޓް ހައުސް އަށް އެންގި އެންގުމަށް އަމަލު ކޮށްފައިނުވާތީ، އިދިކޮޅު މެންބަރުން ދަނީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ފާޑުކިޔަމުންނެވެ.

މިކަމާ ގުޅިގެން ފޮރިން އެފެއާޒް ކޮމިޓީގައި ހިމެނޭ އިދިކޮޅު ރިޕަބްލިކަންގެ މެންބަރު، މައިކަލް މެކްކޯލް ބުނެފައިވަނީ މި މައްސަލައިގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް ދެނެގަނެ، އެފަރާތްތަކާ ދެކޮޅަށް ފިޔަވަޅުތައް އަޅަން ޖެހޭކަމުގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް މި މައުލޫމާތު ފޯރުކޮށްދިނުމަކީ އެޤައުމުގެ ޤާނޫނުތަކުންވެސް، ވައިޓް ހައުސްގެ މައްޗަށް ލާޒިމުވާ ކަމެކެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަސައްކަތް ކުރަމުންދަނީ ޚަޝޯޤީގެ މަރުގެ މައްސަލައިގައި ސައުދީ އަރަބިޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާންގެ އެއްވެސް އަތެއްވޭތޯ ބެލުމަށެވެ.

ހުކުރު ދުވަހު ވައިޓް ހައުސް އަށް ދިން ސުންގަޑި ހަމަވިއިރު، އެދުވަހު ސައުދީ ފޮރިން މިނިސްޓްރީން ވިދާޅުވީ ޚަޝޯޤީގެ މަރާ، އެޤައުމުގެ ރަސްކަމާ ނުގުޅުވޭނެކަމަށާއި، އެއްވެސް ޤައުމަކަށް، އެޤައުމުން ކަން ކުރަންވީ ގޮތް ކިޔައިނުދެވޭނެ ކަމުގައެވެ.

ޚަޝޯޤީ މަރާލާފައިވަނީ، އޭނާގެ އައު ކައިވެންޏަށް ބޭނުންވާ ބައެއް ލިޔެކިޔުންތައް ބަލައި، ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީގެ ކޮންސިއުލޭޓުގެ ތެރެއަށް ވަތްތަނާއެވެ. އެކަމަށްޓަކައި ނަގާފައިވާ ގެމައަކާ ހަވާލުކޮށްގެން އެކަންކުރިއިރު، އެންމެ ފުރަތަމަ ސައުދީން އެކަމާ އިންކާރު ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބޯ

    މައުލޫމާތު ދޭ އިރު ޕްރިންސް ވަލައަހުދު ޓަރަމޕަށް ދިން 100 މިލިޔަން ޑޮލަރުގެ ވާހަކަވެސް ލިޔެލްންޖެހޭނެ ދޯ