ބަގާވާތެއްގެ ތުންފަތްމަތީގައި އޮތް ވެނެޒުއޭލާއަށް އެމެރިކާ ސިފައިން ފޮނުވަން ޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޯނަލްޑް ޓްރަންޕް ދެއްވުމާއިއެކު ވެނެޒުއޭލާއިން އަސްކަރީ ބޮޑު ތަމްރީނެއް ފަށައިފިއެވެ.

ވެނެޒުއޭލާގެ ރައީސް މަޑޫރޯ އިސްކޮށް ހުންނަވައިގެން ފެށި މި އަސްކަރީ ތަމްރީނުގައި އެތަށް ހާސް ސިފައިން ދަނީ ބައިވެރިވަމުނެވެ. މަޑޫރޯ ވިދާޅުވީ މިއީ އެގައުމުގެ ތާރީހުގައިވެސް އެންމެ ބޮޑު އަދި އެންމެ މުހިންމު އަސްކަރީ ތަމްރީން ކަމަށެވެ.

ވެނެޒުއޭލާގެ ރައީސް ވިދާޅުވީ މިއީ ބޭރުގެ ހަމަލާއަކުން ގައުމު ދިފާއު ކުރުމަށް ކުރެވޭ ޖިހާދެއް ކަމަށެވެ.މި ތަމްރީނު ތަކުގައި ދަނީ ބަރު ހަތިޔާރުވެސް ބޭނުން ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޓްރަންޕް ރިޔާސީ ގަޑުވަރު ވައިޓް ހައުސްގައި ތަގުރީރު ކުރަވަމުން ވިދާޅުވީ ވެނެޒުއޭލާއި ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަކީ ވިސްނުމެއް ކަމަށާއި ކުރިއަށް އޮތްތާގައި ވެނެޒުއޭލާގެ ހާލަތު ރަގަޅު ނުވާނަމަ އެފިޔަވަޅު އަޅަން ޖެހިދާނެ ކަމަށެވެ.

ތެލުގެ މުއްސަދިކަން ލިބިފައިވާ ވެނެޒުއޭލާގައި އެތަށް ހާސްބަޔަކު މަގުތަކަށް ނުކުމެ ރައީސް މަޑޫރޯގެ ވެރިކަން އިތުރަށް ދެން ބޭނުން ނުވާކަމަށް ބުނެ އަޑު އުފުލަމުން ދާއިރު މަޑޫރޯ ހުންނެވީ ގޮތް ދޫކުރައްވާ އިސްތިއުފާ ދެއްވާ ގޮތަކަށް ނޫނެވެ.

ސިޔާސީ މަސްރަހު ހޫނުވެފައިވާ ވެނެޒުއޭލާގެ އަސްކަރިއްޔާގެ އިސް ޖެނެރަލަކު އިއްޔެ ވަނީ އެ ގައުމުގެ ރައީސް ކަމަށް އަމިއްލަޔަށް ހުވާކުރައްވައިގެން ހުންނެވި އިދިކޮލު ލީޑަރު ހުއާން ގުއައިޑޯއަށް ބައިއަތު ހިފާފައެވެ. މީގެ ކުރިން އެމެރިކާ ހިމެނޭ ގޮތަށް ހުޅަގުގެ ގިނަ ގައުމުތަކުން ވެސް ވަނީ ގުއައިޑޯ އަށް ބައިތު ހިފާފައެވެ.

ވެނެޒުއޭލާގެ އައު ރައީސް އަކީ ގުއައިޑޯ ކަމަށް އޭނާ އަމިއްލައަށް އިއުލާނު ކުރިފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަޑޫރޯގެ ސަރުކާރުގައި ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރަޝިޔާ އާއި ޗައިނާއިން ބުނެފައި ވަނީ އެ ގައުމުތަކުގެ ތާއީދު އޮތީ މަދޫރޯއަށް ކަމަށެވެ.

ރަޝިޔާގެ އިތުރުން ވެނެޒުއޭލާގެ ސިފައިން ވެސް ވަނީ ރައީސް މަޑޫރޯގެ ސަރުކާރު ދިފާއު ކުރާނެ ކަމަށް ބުނެފައެވެ. ރައީސް މަޑޫރޯވެސް ވަނީ ހުޅަގުގެ އިންޒާރުތަކަށް ފަހަތަށް ނުޖެހި އަސްކަރީޔާ އެއްބައިވަންތަވެ, އެކުވެރިވުމަށް ގޮވާލާފައެވެ.

އެމެރިކާ އިސްވެ އޮވެ ވެނެޒުއޭލާގައި ބަގާވާތެއް ރާވަމުން ދާކަމަށް ބުނަމުން ދާއިރު ވެނެޒުއެލާއިން ވަނީ މީގެ ކުރިން އެމެރިކާ އަޑީގައި އޮވެގެން އެގައުމުގެ ސަރުކާރު ވައްޓާލަން އެތަށް ފަހަރަކު މަސައްކަތް ކުރި ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު