ބިންހެލުމެއް އައިސް މެދުކެނޑުމެއް ނެތި 50 ދުވަސް ވަންދެން ތުރުކީގެ އިސްތާންބުލް ބޭރުން މަރަމަރާ ކަނޑުގެ އަޑި ގުޅުވަމުން ދިޔަ އިރު ބިންހެލުން އިހުސާސް ނުކުރެވުމުން ގިނަ ބަޔަކަށް ހައިރާން ކަން ލިބިއްޖެއެވެ.

ސައިންސްވެރިން ބުނާ ގޮތުން މިއީ "ސްލޯ ސްލިޕިން" ބިންހެލުމެކެވެ. މި ބާވަތުގެ ބިންހެލުންތަކުގައި ބިންގަނޑަށް ލޮޅުންތައް އަރާނީ މަޑު މަޑުނެވެ. މިލޮޅުންތައް އެތަށް ދުވަހެއް ވަންދެން ދިގު ދެމިގެންދެއެވެ.

އިސްތަންބޫލް ކައިރިން ކަނޑުގެ އަޑިއަށް އައި ބިންހެލުމުގެ އެންމެ ބާރު ލޮޅުން ރިކޯޑް ކުރެވިފައިވަނީ މެގްނެޓިއުޓް 4.4 ގެ ބާރުމިނުގައިއެވެ.

މި ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ. މި ބިންހެލުމުގެ ސަބަބުން އެއްވެސް ތަނަކަށް ނުވަތަ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މައުލޫމާތެއް އަދި ލިބިފައި ނުވެއެވެ.

1999 ވަނަ އަހަރު 7.4 ބާރު މިނުގައި މި ސަރަހައްދަށް އައި ބިންހެލުމެއްގައި 17,000 އަށް ވުރެގިނަ މީހުން މަރުވެ 285000 ވުރެން ގިނަ އިމާރާތް ބިމާ ހަމަވިއެވެ. އަދި 600000 މީހުންގެ ގެދޮރު ގެއްލުނެވެ.

1999 އަހަރު އައި މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ފޯރީ ތުރުކީގެ އިޒްމަދް އާއި ގުލްޖުކް އަށް ކަމުގައިވީނަމަވެސް، މުޅި ތުރުކީ ވިލާތަށް މިކަމުގެ އަސަރު ފޯރާފައިވެއެވެ.

ތުރުކީ އޮންނަނީ ބިންހެލުން އައުން އާއްމު ސަރަހައްދެގައެވެ. ކޮންމެ އަހަރަކުވެސް މި ސަރަޙައްދުގެ ބިމުގެ އަޑިން ހާހަކަށްވުރެ ގިނަ ކުދި ބިންހެލުންތައް އަންނަމުންދެއެވެ. މި ބިންހެލުންތައް އަންނަމުން މި ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަންނަ ބާރުގަދަ ބިންހެލުންތައް އާދަޔާއި ޚިލާފަށް އިތުރުވެފައި ވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް އިތުރު ވެފައިވާއިރު، ސައިންވެރިން ގަބޫލުކުރާއިރު މި ބާވަތުގެ ބިންހެލުމަކީ ބޮޑު ބިންހެލުމެއްގެ ނިޝާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އޯގޯޑް

    ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ނުކުންނާނީ ތުރުކީންކަމަށް ހަދީސްތަކުގަ ރިވާވެފައި ވޭ!

    2
    1