ކޮލަމްބިއާ އަށް ނިސްބަތްވާ ސަންޗޭޒް ލަޓޯރީ ނަމަކަށް ކިޔާ މީހަކު 276 ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ 60 އަހަރަށް ޖަލަށް ލުމަށް ކޮލަމްބިއާގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

އުމުރުން 30 ގެ ފަހުގެ އަހަރުތައް މިހާރު ގުނަމުންދާ ސަންޗޭޒް ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައި ވަނީ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު އެވެ. އޭނާ ހައްޔަރު ކުރެވުނީ މިދިޔަ އަހަރު އެވެ. އޭނާ އެތައް ކުދިންނަކަށް ޖިންސީ ގޯނާ ކޮށްފައިވާކަން ފަޅާއެރީ މީގެ ފަސް އަހަރު ކުރިންނެވެ. ސަންޗޭޒް ވަނީ ފަސް އަހަރު ދުވަހު ފިލައިގެން އުޅެފައެވެ.

މިދިޔަ އަހަރު ސަންޗޭޒް ހައްޔަރު ކުރީ ވެނެޒުއޭލާ އިންނެވެ. އޭނާ ހައްޔަރު ކުރީ ފޭކް އައިޑެންޓިޓީ ކާޑެއް ބޭނުން ކޮށްގެން ދިރިއުޅެމުން ދަނިކޮށެވެ.

ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފައިވާ ގޮތުގައި ސަންޗޭޒް ވަނީ އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ވެސް ޖިންސީ ގޯނާ ކޮށްފައެވެ. އޮންލައިންކޮށް ބައެއް ކުދިންނަށް ފޮޓޯ ފޮނުވާފައި ވާއިރު ބައެއް ކުދިންނާއި އޮންލައިންކޮށް ވާހަކަ ދައްކާ އެކުދިންނާއި ބައްދަލު ވެސް ކޮށްފައި ވެއެވެ.

ބައްދަލު ކުރި ކުދިންނާއި ޖިންސީ ގުޅުން ހިންގަން އުޅުމުން އެކުދިން އެކަމާއި ދެކޮޅު ހަދައިފިނަމަ އެކުދިންނަށް އޭނާ ވަނީ ހަމަލާ ވެސް ދީފައެވެ.

ސަންޗޭޒް ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ އިތުރުން ވެސް އިތުރު އެތައް ކުށަކަށް އަރައިގެންފައި ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އޭނާ އަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ތަޙްޤީޤު އަދިވެސް ކުރިއަށް އެބަދެއެވެ.