ނިރުބަވެރި (ޓެރަރިސްޓް) ހަރަކާތްތައް ހިންގުމަށް ފައިސާ ޚަރަދުކުރަމުންދާކަމަށާއި އަދި މަނީ ލޯންޑަރިންގެ ކަންކަމަށް އެހީތެރިވަމުންދާކަމަށް ބުނެ، ވިލާތު އިއްތިޙާދު (އީޔޫ) އިން ސައުދީ އަރަބިޔާ ބްލެކް ލިސްޓް ކުރަން ނިންމައިފިއެވެ.

ޔޫރަޕިއަން ކޮމިޝަނުން މިކަން އިއްޔެ އާއްމުކޮށްފައިވާއިރު، އެފަރާތުން ތައްޔާރުކޮށްފައިވާ ލިސްޓުގައި ސައުދީ އަރަބިޔާއާއެކު އިތުރު އެހެން ޤައުމުތައްވެސް ހިމެނެއެވެ. އެގޮތުން ނައިޖީރިޔާ، ޕެނަމާ އަދި އެމެރިކާގެ ދަށުގައި ހުރި ބައެއް ތަންތަން ހިމެނެއެވެ.

ވިލާތުން ސައުދީ ބްލެކްލިސްޓު ކުރުމާ ގުޅިގެން، އެޤައުމަށް އަދި އެޤައުމާ ގުޅިގެން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެއެވެ. އެގޮތުން އީޔޫގެ ބޭންކްތަކުން، ސައުދީއާ ގުޅުންހުރި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި އިތުރު ފިޔަވަޅުތައް އަޅާނެއެވެ.

ސައުދީ އާއި އެހެން ޤައުމުތަކެއް ބްލެކްލިސްޓު ކޮށްފައިވީނަމަވެސް، އެކަން މުޅިން ފައިނަލް ވާނީ އީޔޫގައި ހިމެނޭ މެމްބަރު 28 ޤައުމުގެ އަޣުލަބިއްޔަތުން، ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ލިސްޓު އެންޑޯސް ކުރުމުންނެވެ. އެހެންނަމަވެސް، ޤައުމުތަކުން ލިސްޓަށް ދެކޮޅު ނުހަދާނެކަން އެނގޭކަމަށް، ލިސްޓު ތައްޔާރު ކުރީ ކޮމެޓީން ބުނެފައިވެއެވެ.

އެހެންނަމަވެސް، މާރިޗު 29 ވަނަ ދުވަހު އީޔޫ އިން ވަކިވާން ނިންމާފައިވާ އިނގިރޭސިވިލާތުން ބުނެފައިވަނީ ބްލެކްލިސްޓުގައި ސައުދީ ހިމެނުމުން، ވިޔަފާރީގެ ކަންކަން ކުރުމަށް އެތައް ގޮތަކުން ދަތިވާނެކަމުގައެވެ.

މިކަމާ ގުޅިގެން ސައުދީން ވަނީ ވިލާތު އިއްތިޙާދުގެ ނިންމުން ކުށްވެރި ކޮށްފައެވެ. އަދި ނިރުބަވެރިމަށް ޚަރަދުކުރުން ހުއްޓުވުމަށާއި، މަނީ ލޯންޑަރިންގ ހުއްޓުވުމަށް އެޤައުމުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

ނޫސްވެރިޔާ ޖަމާލް ޚަޝޯޤީގެ މަރަށްފަހު، ވިލާތާއި، ސައުދީއާ އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކުޑަ ދަންނަ

    ސައުދީ އިން އީޔޫ ބުލެކްލިސްޓް ކޮށްލަބަލަ. މުސްލިމުންގެ ގޮތެއް ހުންނަންވާނެ ދެއްތޯ. އީޔޫ އިން ކޮންމެގޮތަކަށް ކަންތަށް ކުރިޔަސް އޯކޭ ތަ ހަމަ!

    7
    3
  2. މީ

    ހުރިހާ އިސްލާމީ ގައުމުތައް ނައްތާލާފައި ސައުދީ ހަލާކުކޮށްލަން އުޅެގަތީ ދޯ އިރާދަކުރެއްވިއްޔާ ކާމިޔާބެއް ނުވާނެ

    7
    2
  3. މާލު

    ސާބަސް

    1
    2
  4. ހިޔަޅު ބުއްދި

    މުސްލިމު އެތައް ގައުމެއް ސުންނާފަތިކޮށްފަ އެތައް މުސްލިމުންގެ މަރުގެ ޒިންމާ އުފުލަންޖެހޭ އެމެރިކާއަށް ތިބްލެކްލިސްޓުގެ ފުލުން ނަމަވެސް ޖާގައެއް ދިނުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް. ސަބަބަކީ ތިލިސްޓު ތައްޔާރު ކުރަން މިތިބެނީވެސް އަދި ސަލާމަތުން މުސްލިމުގައުމެއް އޮތިއްޔާ ހަލާކުކުރަންވެސް މިތިބެނީވެސް ހަމައެއްބައެއް.

    5
    1
  5. ޚަލީލް

    ވެލަންޓައިންސް ޑޭ ފާހަގަ ކުރީމަވެސް ސައުދީ ބްލެކް ލިސްޓުކުރީތަ؟

    1
    2
  6. އަލްޖިބްރާ

    އީރާނަށް ދިން ހަމަލާ ކުށްވެރި ނުކޮށްގެން ކަންބޮޑުވާމީހުން ، ސައުދީ އެރޭބިއާ ބްލެކްލިސްޓް ކުރީމާ އެކަމަށް ތާއިދު ކުރަނީ ސަޢުދިއެރޭބިއާ އިސްލާމީ ޤައުމަކަށް ނުވާތީތަ ؟

    1
    1