އީރާނުގެ އިރުދެކުނު ސަރަޙައްދުގައި ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި، އެޤައުމުގެ ރިވޮލިއުޝަނަރީ ގާޑުގައި މަސައްކަތް ކުރާ ސިފައިންގެ 27 މީހަކު މަރާލައިފިއެވެ. މީގެއިތުރުން، މި ޙާދިސާގައި އިތުރު 10 ސިފައިންގެ މީހުންނަށްވަނީ އެކި ވަރުގެ ޒަޚަމްތައް ލިބިފައެވެ.

އެޤައުމުގެ ޚަބަރޔ ފަތުރާ ވަސީލަތްތަކާ ހަވާލާދީ "އަލް ޖަޒީރާ" އިން ބުބެފައިވަނީ ޖާނުން ފިދާވެގެން މި ހަމަލާ ދީފައިވަނީ ކާރެއްވެސް ބޭނުންކޮށްގެންކަމަށެވެ. އަދި ހަމަލާ އަމާޒުކޮށްފައިވަނީ ސިފައިންގެ މީހުން ދަތުރުކޮށްފައި ދިޔަ އުޅަނދަކަށްކަމަށްވެސް ބުނެފައިވެއެވެ.

މި ހަމަލާ ދިން ސަރަޙައްދަކީ، އީރާނުން ވަކިވެގަތުމަށްފަހު ވަކި ދައުލަތެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ބަލޮޝިސްތާނުގެ ހަނގުރާމަވެރިންގެ ހަރަކާތްތައް ވަރަށް ގަދައަށް ހިންގާ ސަރަޙައްދެކެވެ. މީގެކުރިންވެސް އެސަރަޙައްދުގައި އީރާނު ސިފައިންނާއި، ބަލޮޝިސްތާނުގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ.

އީރާނާއި ޕާކިސްތާނާ ގުޅޭ ސަރަޙައްދީ ރޮނގުވެސް އޮންނަނީ މި ސަރަޙައްދުގައެވެ. އަދި ބަލޮޝިސްތާނުގެ ހަނގުރާމަވެރި ގްރޫޕެއްކަމުގައިވާ ޖައިޝުލް އަދުލް އިން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ.

މިކަމާ ގުޅިގެން އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ބަހުރަމް ޣާއްސާމީ ވިދާޅުވީ ހަމަލާގެ ބަދަލު ސިފައިން ހިފާނެކަމުގައެވެ.

މީގެއިތުރުން، މި ހަމަލާއާ ގުޅިގެން އީރާނުގެ ނައިބު ރައީސް، އީޝާޤު ޖަހަންގިރީ ވިދާޅުވީ މިފަދަ ހަމަލާތައް ދިން ކަމުގައިވީނަމަވެސް، އެޤައުމު ހިމާޔަތްކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ އަޒުމަކަށް ބަދަލެއް ނާންނާނެކަމުގައެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން، ނިރުބަވެރިކަމާ ދެކޮޅަށް އެޤައުމުން ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރާނެކަމަށްވެސް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކެޔޮޅު

    އެހެންވާނެތާ އީރާނުން މަރުވީ މުސްލިމުން އިންޑިއާއިން މަރުވީ އެއްޖިންސުންގުޅުންހިންގާމީހުން މިއީ މޯދީގެ ގޮނޑިކޮއްކޮ ސަރުކާރެއް!!