އެމެރިކާއާއި މެކްސިކޯ އާ ދެމެދުގެ ބޯޑަރުގައި ފާރެއް ރާނަން އެމެރިކާގެ ރައީސް ވެރިކަމަށް އެރުމުގެ ކުރިން ވެފައިވާ ވަޢުދު ފުއްދުމަށް، އެމެރިކާގައި ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާން ކުރުމަށް އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަންޕް ނިންމާފައިވާ ކަމަށް ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.

ޓްރަންޕް މިގޮތަށް ނިންމާފައި މިވަނީ އެ ފާރު ރޭނުމަށް ޚަރަދުވާ 5.7 ބިލިޔަން ޑޮލަރު އެޤައުމުގެ ޤާނޫން ހަދާ މިޖިލީހުން ސަރުކާރަށް ދިނުމަށް ދެކޮޅު ހެދުމާއި ގުޅިގެންނެވެ. މިމައްސަލައާއި ގުޅިގެން މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ސަރުކާރުވަނީ ހުއްޓުމަކަށް އައިފައެވެ. އެއީ އޭރު، ކޮންގްރެސް އަދި ސެނެޓުން ފާސް ކުރި އެޤައުމުގެ ބަޖެޓް ރައީސް ތަޝްދީދް ނުކުރުމާއި ގުޅިގެނެނެވެ. ނަމަވެސް ޖަނަވަރީ 25 ވަަނަ ދުވަހު، ސަރުކާރު ހުއްޓިފައި އޮތްތާ 35 ވަނަ ދުވަހު ޓްރަންޕްވަނީ ގޮތް ދޫކޮށް، މިއަދާ ހަމައަށް ޚަރަދު ކުރުމަށް ބޭނުންވާ ބަޖެޓް ފާސްކޮށްފައެވެ.

ކޮންގްރެސް އަދި ސެނެޓްއިން މިފަހަރު ފާސްކޮށްފައިވަނީވެސް ވަގުތީ ބަޖެޓެކެވެ. މިއީ އެޤައުމު ހުއްޓުމަކަށް ނައުމަށްޓަކައި މިއަންނަ ސެޕްޓެންބަރ މަހާއި ހަމައަށް ލަފާ ކުރެވޭ ބަޖެޓެވެ. މިބަޖެޓްގައިވެސް ފާރު ރޭނުމަށް ޚަރަދު ކޮށްފައިއެއް ނުވެއެވެ. ނަމަވެސް ބޯޑަރުގައި ދަގަނޑު ފެންސް ޖެހުމަށް ޚަރަދުވާ 1.3 ބިލިޔަން ޑޮލަރު މިފަހަރުގެ ބަޖެޓްގައިވަނީ ހިމަނާފައެވެ.

ވައިޓް ހައުސްއިން ވާހަކަ ދެއްކި އޮފިޝަލަކު ބުނީ ކުއްލި ހާލަތު އިއުލާންކޮށްގެން ނަމަވެސް ފާރު ބިނާ ކުރުމަށް ބޭނުންވާ އަށް ބިލިއަން ޑޮލަރު ހޯދުމަށް ޓްރަމްޕް ބޭނުންވާ ކަމަށެވެ. އަދި އެފަދަ ކަމެއް ކޮށްފާނެ ކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ސަރުކާރު ހިންގުން ނުހުއްޓޭނެ ކަމަށްވެސް އޮފިޝަލު ބުނެފައިވެއެވެ.

އެމެރިކާއަށް 2000 ވަނަ އަހަރު ޤަވާއިދާ ޚިލާފަށް 1.5 މިލިޔަން މީހުން އެތެރެވެފައިވެއެވެ. ނަމަވެސް 2017 ވަނަ އަހަރު މިގޮތަށް ވަދެފައިވަނީ 4 ލައްކަ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު