ކޮޅިގަނޑެއްގައި ޖެހި ލަޔަން އެއާގެ ފްލައިޓެއް ޖައްސަން އުޅެނިކޮށް ރަންވޭ މަތިން ކަހާލައިފިއެވެ.

ރިޕޯޓްތަށް ބުނާގޮތުގައި އިންޑޮނޭޝިޔާގެ ކަލިމަޓަން އެއާ ޕޯޓަށް ޖައްސަން އުޅުނު ލަޔަން އެއާގެ 787 މަރުކާގެ މި ބޯޓް ކައްސާލީ ވަރަށް ބޯކޮށް އެވަގުތު ރަންވޭ މައްޗަށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުނެވެ.

މިހާދިސާގައި ބޯޓަށް އެކިވަރުގެ ގެއްލުން ލިބުނު ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެއްވެސް ފަސިންޖަރަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ނުލިބެއެވެ.

މި އެކްސިޓެންޓް ހިންގާފައިވާއިރު މިދިޔަ އަހަރު އޮކްޓޯބަރ މަހު ޖަކާޓާގެ ކަނޑުގެ ސަރަހައްދަށް ވަނީ ލަޔަން އެއާގެ ބޯޓެއް ވެއްޓި އޭރު ބޯޓުގައި ތިބި 189 މީހުން މަރުވެފައެވެ.

އުދުއްސާލިތާ އިރުކޮޅެއް ފަހުން ލަޔަން އެއާގެ ފްލައިޓް ޖޭޓީ - 610 ވެއްޓުނީ އިންޑޮނޭޝިއާގެ ހުޅަނގުގައި އޮންނަ ޕަންކަލް ޕިނަންގް ކައިރިއަށެވެ.

ފްލައިޓް ވެއްޓުނީ މައްސަލައެއް ދިމާވެ އަލުން އަނބުރާ އެއާޕޯޓްގައި ފްލައިޓް ޖެއްސުމުގެ ހުއްދައަށް ޕައިލެޓް، އެއާ ޓްރެފިކް ކޮންޓްރޯލްގައި އެދުނުތާ އިރުކޮޅެއް ފަހުންނެވެ.

ފްލައިޓް ވެއްޓުނު ހާދިސާ ތަޙްޤީޤު ކުރާ ޓީމުން ބުނީ ފްލައިޓް ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.

އިންޑޮނޭޝިއާގައި ދުއްވާ ބޮއިން 737 މެކްސް-8 ފްލައިޓްތަކުގައި މައްސަލައެއް ހުރިތޯ ބަލަން މިހާރު ވަނީ ހާއްސަ ތަޙްޤީޤެއް ވެސް ފަށާފައެވެ. އެތަޙްޤީޤުގައި އެމެރިކާގެ ތަޖުރިބާކާރުންނާއި ބޮއިން ކުންފުނީގެ އިންޖިނިއަރުން ވެސް ބައިވެރިވެއެވެ.

ވެއްޓުނު ފްލައިޓް ދަތުރަށް ފެށުމުގެ ކުރިން ވެސް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެމައްސަލަ ހައްލު ކުރިކަމަށް ލަޔަން އެއާ އިން ވަނީ ބުނެފައެވެ. ނަމަވެސް މައްސަލައިގެ ތަފްސީލެއް ދީފައެއް ނުވެއެވެ.