ގިނަ ބަޔަކު ޝަކުވާކުރަމުންދާތީ ކަމަށްބުނެ، އިތުމަތީ އެފްރިކާގެ ޤައުމެއްކަމަށްވާ ރުވާންޑާގެ ވެރިކަންކުރާ ކިގާލީގެ މިސްކިތްތަކުގައި ބަންގިގޮވުމަށް އަޑުގަދަކުރާ ބޭނުންކުރުން މަނާކޮށްފިއެވެ.

މިކަމާއި ގުޅިގެން ކިގާލީ ސިޓީގެ އޮފިޝަލުންނާއި ޙަވާލާދީ ރިޕޯޓްތަކުގައި ބުނެފައިވަނީ، ކޮންމެ ދުވަހަކު ފަސް ވަގުތުގައި ބަންގި ގޮވާ އަޑު އެ ސިޓީގެ މިސްކިތްތަކުން އިވެމުންދާތީ "އުނދަގޫވެގެން" އެކަމާއި ގިނަ ބަޔަކު ޝަކުވާކުރަމުންދާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، މިސްކިތްތަކުން ބަންގި ގޮވުމަށް އަޑުގަދަކުރާ ބޭނުންކުރުން ހުއްޓުވުމަށް ނިންމާފައިވަނީ އެ ސަބަބަށްޓަކައި ކަމަށެވެ.

މި ނިންމުމާއި ގުޅިގެން ކިގާލީގެ މުސްލިމް ޖަމާޢަތްތަކުން ނުރުހުން ފާޅުކޮށް ކަމާބެހޭ އިދާރާތަކާއި ދެކޮޅަށް އަޑުއުފުލަމުންދާއިރު، އެފަރާތްތަކުން ވަނީ އަޑުގަދަކުރާގެ އަޑު މިހާރަށްވުރެ މަޑު ކުރުމަށްފަހު ބޭނުންކުރުމުގެ ހުއްދައަށްވެސް އެދިފައެވެ. ނަމަވެސް މިހާތަނަށް އިދާރާތަކުން އެކަމަށް އެއްބަސް ވެފައިވާކަމެއް ނޭނގެއެވެ.

ރުވާންޑާގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ބޮޑެތި މިސްކިތްތައް ހުރިއިރު، އެޤައުމުގެ އިދާރާތަކުން މުސްލިމުންނަށް ދުއްތުރާ ކުރުމަށް އެޅި މި ފިޔަވަޅާއި ގުޅިގެން ބޭރުގެ ބައެއް ޖަމާޢަތްތަކުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ނަސާރާ ދީނަށް ތަބާވާ ބޮޑު އާބާދީއެއް އޮންނަ ރުވާންޑާގައި މުސްލިމުން ހިއްސާ ކުރަނީ އާބާދީގެ 5 އިންސައްތައެވެ. މިދިޔައަހަރުގެ ބޯހިމެނުމަށް ބަލާއިރު އެޤައުމުގެ އާބާދީ ގާތްގަނޑަކަށް 12 މިލިއަނަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހޮޓްޑޯގު

    އުނދަގޫވާމީހުންނަށް ކަންފަތުއުނގުރި ޖަހަންފެނޭ ނުވަތަ އެފަދައުނދަގޫވާމީހުންނަށް ޕެނަޑޯލްކާންދިނުމަށްވެސްގޮވާލަން !!

  2. ައަލީ

    މާލޭގަވެސް ބައެއްމިސްކިތްތައް މާ ބޮޑަށް އަޑުގަދަ.