ހޫނު ގަދަވަމުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި އެކަށީގެންވާ ގޮތެއްގައި ދަނޑުވެރިކަން ކުރެވިފައި ނުވާކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތި ގައުމަށް އެތެރެކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށާއި އެހެންކަމުން ވަރަށް އަވަހަށް އުތުރު ކޮރެއާގެ ގިނަ އަދަދެއްގެ ބަޔަކު ބަނޑަށް މަރުވާ ހިސާބަށް ކަންތައްތައް ހިނގައިދާނެ ކަމަށް އެގައުމުން ބުނެފިއެވެ.

އުތުރު ކޮރެއާ އިން އދ.އަށް އައްޔަން ކޮށްފައި ހުންނަވާ ސަފީރު ކިމް ސޮންގް އެމެރިކާގެ ބައެއް މީޑިއާތަަކަށް ފޮނުވި ލިޔުމެއްގައި ވިދާޅުވީ ރައްޔިތުންނަށް އެކަށީގެންވާ އަދަދަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގާބިލްކަން ސަރުކާރުގައި ނެތް ކަމަށެވެ.

ދަނޑުވެރިކަން އިތުރަށް ފުޅާކުރަން ބޭނުންވާ ވަސީލަތްތައް ވެސް އުތުރު ކޮރެއާއަށް އެތެރެ ކުރުމަށް ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހުރަސް އެޅިފައިވާ ކަމަށް ސޮންގް ވިދާޅުވިއެވެ.

މިދިޔަ އަހަރު އުތުރު ކޮރެއާއަށް ކާބޮތަކެތި އުފެއްދިފައި ވަނީ އޭގެ ކުރީ އަހަރަށް ވުރެ 503000 ޓަނުން މަދުން ކަމަށް އުތުރު ކޮރެއާ އިން ބުނެއެވެ. އެއީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށް ވެސް އެގައުމުން ބުނެއެވެ.

އުތުރު ކޮރެއާ އިން މިހާރު ވަނީ އެގައުމަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް އދ.ގެ އެހީތެރިކަމަށް އެދިފައެވެ. ނަމަވެސް މިކަމާއި ގުޅިގެން އދ.އިން އަދި އެއްވެސް އެއްޗެއްނުބުނެއެވެ.

އުތުރު ކޮރެއާގެ ސަރުކާރު މުވައްޒަފުންނަށް ކާބޯތަކެތި ފޯރުކޮށްދެނީ ސަރުކާރުންނެވެ. މުވައްޒަފުންނަށް ކާބޯތަކެތި ދެނީ މުވައްޒަފުން އަދާކުރާ ވަޒީފާއެއްގެ ސަބަބުން ދޭ މުސާރައިގެ ގޮތުގައެވެ. އުތުރު ކޮރެއާ ސަރުކާރުން ބުނާ ގޮތުގައި މުވައްޒަފުނަށް ދޭ ކާބޯތަކެތީގެ އަދަދު މިހާރު ވަނީ މަދުކުރަން ޖެހިފައެވެ.

މިދިޔަ އަހަރު އދ. އިން ބުނެފައި ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އުތުރު ކޮރެއާގެ އާބާދީގެ 25 މިލިއަން މީހުންގެ ތެރެއިން 41 އިންސައްތަ ކަމަށްވާ 10.3 މިލިއަން މީހުންނަށް ވަނީ ކާބޯތަކެތި ލިބުމުގައި ދަތިތައް ދިމާވެފައެވެ.