ބިންހެލުމެއްގެ އިންޒާރު ދޭ ކަމަށް ބުނާ "އޯރފިޝް" ގެ ބާވަތެއް ދިރި ހުއްޓާ ޖަޕާނުގެ މަސްވެރިންތަކެއް ހިފައިފިއެވެ.

ޖަޕާނުގައި މަސްވެރިކަން ކުރަން ނިކުމެ އުޅުނު މަސްވެރިންތަކެއްގެ މަސް ހިފަން ބޭނުން ކުރި ދަލުގައި " އޯރފިޝް" ގެ ދެ މަހެއް ވަނީ ޖެހިފައެވެ.

މަސްވެރިން ވަނީ ދެ މަސް ރަށަށް ގެނައުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް މި މަސްތައް ވަނީ ދަތުރު މަތީގައި މަރުވެފައެވެ.

ޖަޕާނުގެ މަސްވެރިނަށް މި ބާވަތުގެ މަސްތަކެއް ފެނިފައި މި ވަނީ މި މަހު ކުރީ ކޮޅު ޖަޕާނާއި ޕެރޫގެ އައްސޭރި ފަށަށް ގިނަ އަދަދެއްގެ މި ބާވަތުގެ މަސް މަރުވެގެން ލައްވެފައި ވަނިކޮށެވެ.

އޯރފިޝް އަކީ ކަނޑުގެ ވަރަށް ފުނުގައި އާންމުކޮށް ދިރިއުޅޭ މަހެކެވެ. ސައިންސްވެރިން ބުނާ ގޮތުގައި މިބާވަތުގެ މަސް އާންމުކޮށް ދިރިއުޅެނީ ކަނޑުގެ 3000 ފޫޓް އަޑީގައެވެ. އާދަޔާއި ހިލާފަށް ދިގު މިމަސް 18 ފޫޓަށް ދިގުވާ ކަމަށް ވެއެވެ.

ވަރަށް މަދުން ނޫނީ ކަނޑުގެ މަތީ ފަށަލައަށް ނާރާ މިބާވަތުގެ މަހެއް ފެނިއްޖެނަމަ ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭ ކަމަށް ގަބޫލުކުރާ ބަޔަކު ތިބެއެވެ. މިގޮތައް ގަބޫލު ކުރާ މީހުން އެންމެ ގިނައީ ބިންހެލުން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމަށްވާ ޖަޕާން ގައެވެ.

2013 ވަނަ އަހަރުގެ އޮކްޓޯބަރ މަސް ތެރޭގައި މިފަދަ މަހެއް އެމެރިކާގެ ކެލިފޯނިއާގެ ގޮނޑުދޮށުން ފެނުނެވެ. އޭގެ ހަފްތާއެއް ފަހުން ކެލިފޯނިއާ އަށް 6.4 މެގްނެޓިއުޑްގެ ބިންހެލުމެއް އައެވެ. އޭގެ އިތުރުން އޮކްޓޯބަރ 25 ވަނަ ދުވަހު ޖަޕާނަށް 7.1 މެގްނެޓިއުޑްގެ ބިންހެލުމެއް ވެސް އައެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 06 ވަނަ ދުވަހު ފިލިޕީންސްގެ ރަށަކަށް މިބާވަތުގެ މަސްތަކެއް މަރުވެގެން ލައްވެފައި ވަނިކޮށް ފެނުނެވެ. އެއީ ފިލިޕީންސަށް ބިންހެލުމެއް އައިތާ ދެތިން ދުވަސް ފަހުންނެވެ.

މިބާވަތުގެ މަހުގެ އިތުރުން އެހެން ބައެއް ޖަނަވާރުންނަށް ވެސް ބިންހެލުމެއް އަންނަން އުޅޭކަމުގެ ނިޝާންތައް މާކުރިން ފެށިގެން އެކަމުގެ އިންޒާރުތައް ދޭކަމަށް ވާހަކަ ދެކެވެއެވެ. އެކަމަށް ބާރު ލިބޭ ބައެއް "ހެކިތައް" ވެސް ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހްމަދު

    3ގުރަހަ އެއްލައިނަކަށް އަރާތީ މިމަހުގެ މެދެއްހާތާ ބޮޑު ބިންހެލުމެއް އަންނާނެކަމަށް ސައިނސްވެރިން ބުނާކަމުގެ ޚަބަރެއް މިމަހުގެ 7ވަނަދުވަހު ގެ ނޫހުގައިވޭ. މިއަދު މީ މިމަހުން20. މަހުގެ މެދު ތެރެއަކި 10ން 20ށް. މިބިންހެލުން އައީކޮންތާކަށްބާ. އެއްވެސް ނޫހަކުން މިދުވަސްވަރު ބޮޑުބިންހެލުމެއް އައިކަމަކަށް ނެތް. ސައިންސް ވެރިން ދައްކާ ހުރިހާ ވާހަކައަކި އަދި ތެދަކަށް ނުވާނެ.

    24
    5