މެކްސިކޯގެ މަޝްހޫރު ޑްރަގް ލޯޑު، ޖޮކިން ގްޒްމަން މަޝްހޫރު ނަމުންނަމަ "އެލް ޗަޕޯ" ގެ މަންމަ އޭނާ ދެކިލަން އެމެރިކާ އަށް ދާން ބޭނުން ވެއްޖެއެވެ.

އެލް ޗަޕޯ ގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި އުފުލާފައިވާ ދިހަ ދައުވާ ވެސް ސާބިތުވާކަމަށް އެރިކާގެ ކޯޓަކުން މިހާރު ވަނީ ނިންމައިފައެވެ.

އެލްޗަޕޯގެ މަންމަ އުމުރުން 90 އަހަރުގެ ކޮންސްލޯ ލުއެރާ ބުނީ އޭނާގެ ދަރިފުޅު ދެކިލަން އެމެރިކާއަށް ދާން ބޭނުންވާ ކަމަށާއި އެމެރިކާ ސަރުކާރުން މި ކަމަށް ހުއްދަ ދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިހާރު އުމުރުން 61 އަހަރުގެ އެލްޗަޕޯގެ މައްސަލަ ބެއްލެވި ފަނޑިޔާރު އެލްޗަޕޯގެ މައްޗަށް ދިހަ ދައުވާ ވެސް ސާބިތުވާކަމަށް ނިންމެވުމާއި އެކު އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަން މިވަނީ ކަށަވަރު ވެފައެވެ. ނަމަވެސް އޭނާގެ ޙުކުމް އަދި ފަނޑިޔާރު ނުނިންމަވައެވެ. ޙުކުމް އިއްވާނީ ފަހުން ބާއްވާ އަޑުއެހުމެއްގައެވެ.

އެލްޗަޕޯގެ މައްޗަށް އެމެރިކާގެ ޕްރޮސެކިއުޓަރުން އުފުލި ދިހަ ދައުވާ ވެސް އޭނާގެ މައްޗަށް ސާބިތުވުމާއި އެކު އޭނާ ވެގެން ގޮސްފައި މިވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ޑްރަގް ވިޔަފާރި ކުރި މީހުންގެ ތެރެއިން އިންސާފުގެ ކުރިމައްޗަށް ގެނެވޭ ފުރަތަމަ މީހާ އަށެވެ.

11 ހަފްތާ އަށް ދެމިގެން ދިޔަ އެލްޗަޕޯގެ ޝަރީޢަތް އެމެރިކާގައި ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ.

އޭނާގެ މައްޗަށް މިރޭ ސާބިތުވި ދައުވާތަކުގެ ތެރޭގައި އެތައް ޓަނެއްގެ މަސްތުވާތަކެތި އެމެރިކާ އަށް އެތެރެ ކުރުމުގެ ކުށުގެ ދައުވާ އާއި، ރާވައިގެން ބޮޑެތި އެތައް ކުއްތަކެއް ކުރުމުގައި ބައިވެރިވުމުގެ ދައުވާ އާއި ހަނގުރާމަވެރި ހަތިޔާރު ޤާނޫނާއި ހިލާފަށް ބޭނުން ކުރުމުގެ ދައުވާ ވެސް ހިމެނެއެވެ.

އެލްޗަޕޯ އަކީ މެކްސިކޯގެ އެންމެ ނުރައްކާތެރި އެއް ކާޓެލް ކަމަށްވާ ސިނައޯލާ ކާޓެލްގެ ވެރިޔާ އެވެ.

މެކްސިކޯ އިން އޭނާ އެމެރިކާ އާއި ހަވާލު ކުރުމުން އެމެރިކާގައި ކުރިއަށް ގެންދިޔަ ޝަރީޢަތުގައި އެލްޗަޕޯ އާއި ދެކޮޅަށް 50 އަށް ވުރެ ގިނަ މީހުން ހެކިބަސް ދިނެވެ. އޭގެތެރޭގައި މީގެ ކުރިން އޭނާ އާއި އެކު މަސައްކަތް ކުރި މީހުންނާއި ފުލުހުންނާއި، އޭނާ އާއި އެކު ވަގުތު ހޭދަކުރި އަންހެނުން ވެސް ހިމެނެއެވެ.

އެތައް އަހަރެއް ވަންދެން އެލްޗަޕޯ ހައްޔަރު ނުކުރެވި ހުރި ހަޤީޤީ ސަބަބަކީ ރިޝްވަތު ދީގެން އޭނާ އާއި ދެކޮޅު އޮޕަރޭޝާންތައް ހުއްޓުވާފައި އޮތުމެވެ. އޭނާ ވަނީ މީގެ ކުރިން ދެފަހަރެއްގެ މަތިން ޖަލުން ފިލާފައެވެ. ފުރަތަމަ އޭނާ ޖަލުން ފިލީ 2001 ވަނަ އަހަރު އެވެ. ދެވަނަ ފަހަރަށް ޖަލުން ފިލީ 2015 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު