އިންޑިއާގައި ދިމާވެފައި ރޭޕް ކުރުމުގެ މައްސަލަތަކާއި ގުޅިގެން އާއްމުން ހޭލުންތެރިކުރުމަށް އިންޑިއާގެ އެތަށް ހާސް އަންހެނުންނެއް 10000 ކިލޯމީޓަރަށް ފައިމަގުގައި ހިންގައިފިއެވެ.

މިދިޔަ އަހަރު ޑިސެންބަރު މަހު "ދަ ޑިގްނިޓީ މާޗް" ގެ ނަމުގައި ފެށި މި ހިންގާލުން ވެރިރަށް ދިއްލީ އަށް ނިންމާލީ އިންޑިއާގެ 24 ސްޓޭޓް ކަވަރުކޮށް 200 ޑިސްޓްރިޓް އަށް ގޮސްފައެވެ.

މި ހިންގާލުމުގައި ފިލްމިތަރިންނާއި ސިޔާސީ ފަރާތްތަށް އަދި ފުލުހުންނާއި ނޫސްވެރިން ވެސް ބައިވެރިވިއެވެ. މި ހިންގާލުމުގައު ވަނީ ޖިންސީ ގޯނާ އަދި ރޭޕްއާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް ތަފާތު އެކި ލީފްލެޓް ބަހާފައެވެ.

އިންޑިޔާގައި ރޭޕުކުރުމަކީ އާއްމުކަމަކަށްވާއިރު، ކޮންމަ ހަފްތާއަކުވެސް އެފަދަ ހިތްދަތި ވާހަކަތަކެއް ދަނީ އިވެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، އެޤައުމުގައި ކޮންމެ ދުވަހަކުވެސް މިފަދަ ޢަމަލެއް ހިނގާއިރު، މިފަދަ އެތައް ޢަމަލެއް، ރިޕޯޓު ނުކޮށްވެސް ހުރެއެވެ.

އިންޑިއާގައި ކުޑަކުދިން ރޭޕްކުރުމުގެ މައްސަލަތައް ވަނީ އިންތިހާ އަށް ބޮޑުވެގެން ގޮސްފައެވެ. އިންޑިއާގައި ދުވާލަކު 100 ރޭޕް މައްސަލަ ރިޕޯޓް ކުރެއެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ސަރުކާރަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވެގެން ގޮސްފައެވެ. އެގޮތުން މިފަދަ ކަންތައްތައް ހުއްޓުވަން އެކަށީގެންވާ ވަރަށް ސަރުކާރުން މަސައްކަތް ނުކުރާ ކަމުގެ ތުހުމަތު އިންޑިއާގެ ސަރުކާރަށް ބައެއް ފަރާތްތަކުން ދަނީ ކުރަމުންނެވެ.

ފާއިތުވި ހައެއްކަ އަހަރު ތެރޭގައި އިންޑިއާގައި ޖިންސީ ގޯނާ ކުރާ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އެތައް ގުނައެއް އިތުރުވުމުން ޤާނޫނުތައް ހަރުކަށިކޮށް ރޭޕް ކުރާ މީހުންގެ އަދަބު ބޮޑުކުރި ނަމަވެސް މައްސަލައަށް އެއްވެސް ހައްލެއް ނާންނަކަމަށް ދިރާސާތަކުން ދައްކައެވެ. ސަބަބަކީ އަދަބު ދެވެނީ ކުށް ކުރާ މީހުންގެ ތެރެއިން ވަރަށް މަދު އަދަދެއްގެ މީހުންނަށް ކަމަށް ވާތީ ކަމުގައި ވެސް އިންޑިއާގެ ހާލަތު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.