މީގެ ހަތަރު އަހަރު ކުރިން ގެއްލުނު މެލޭޝިއަން އެއާލައިންގެ ފްލައިޓް އެމްއެޗް 370 ފެނިއްޖެ ކަމަށް ފްލައިޓް ވެއްޓުމުގެ ހާދިސާތައް ތަޙްޤީޤު ކުރާ އޮސްޓްރޭލިއާގެ ތަޖުރިބާކާރަކު ބުނެފިއެވެ.

މެލޭޝިއާގެ ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރު ކުރަމުން ދަނިކޮށް 2014 ވަނަ އަހަރުގެ މާޗް 08 ވަނަ ދުވަހު ގެއްލުނު ފްލައިޓް ފެނިފައިވާ ކަމަށް ބުނަނީ އޮސްޓްރޭލިއާގެ ތަޖުރިބާކާރެއް ކަމަށްވާ އުމުރުން 64 އަހަރުގެ ޕީޓާ މެކްމެހޮން އެވެ.

އޭނާ ބުނާ ގޮތުން އޭނާ އަށް އެމްއެޗް-370 ފެނިފައި ވަނީ "ގޫގްލް އާތު" އިންނެވެ.

ޗައިނާ އާއި އޮސްޓްރޭލިއާ އަދި މެލޭޝިއާ އިން 115 މިލިއަން ޕައުންޑް ޚަރަދު ކޮށްގެން ފްލައިޓް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވެގެން ފްލައިޓް ހޯދުމުގެ މަސައްކަތް 2017 ވަނަ އަހަރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް ފްލައިޓް ހޯދުމުގެ މަސައްކަތް އެމެރިކާގެ އަމިއްލަ ކުންފުންޏަކުން އަނެއްކާވެސް ވަނީ މިއަހަރު ފަށާފައެވެ.

ޕީޓާ ބުނާ ގޮތުން އޭނާ އަށް އެމްއެޗް-370 ފެނިފައި ވަނީ މޮރިޝަސްގެ އުތުރުން 10 މޭލު ދުރުންނެވެ. ޕީޓާ ވަނީ ގޫގްލް އާތު ބޭނުންކޮށްގެން ނާގާފައިވާ ފޮޓޯތަކެއް ވެސް އާންމު ކޮށްފައެވެ.

ޕީޓާ އާންމުކޮށްފައިވާ ފޮޓޯއެއް
ޕީޓާ އާންމުކޮށްފައިވާ ފޮޓޯއެއް

ޕީޓާ ބުނާ ގޮތުން މެލޭޝިއާ އާއި ތައިލެންޑް އަދި ވިއެޓްނާމްގެ އަސްކަރިއްޔާގައި ފްލައިޓް ދަތުރު ކުރި ގޮތުގެ ތަފްސީލް މައުލޫމާތުތައް ހުންނާނެއެވެ. އަދި ފްލައިޓް ވެއްޓުނު ސަރަހައްދުގެ މައުލޫމާތު އެމެރިކާ އަށް ވެސް އެނގޭނެއެވެ. ނަމަވެސް އެއިން އެއްވެސް ފަރާތަކުން އެއްވެސް މައުލޫމާތެއް ހާމަނުކުރަނީ ކީއްވެކަން ނޭނގޭ ކަމަށް ޕީޓާ ބުނެއެވެ.

ޕީޓާ ފްލައިޓް ފެނިއްޖެ ކަމަށް ބުނާ ވާހަކައަށް ރަސްމީ ފަރާތަކުން ސަމާލުކަމެއް ދީފައެއް ނުވެއެވެ. އެހެންކަމުން އޭނާ ބުނާ ސަރަހައްދުން ފްލައިޓްގެ އެއްވެސް އެއްޗެއް ފެނޭތޯ ބަލަން ރަސްމީ ފަރާތްތަކުން މަސައްކަތް ކުރާނެ ކަމަކަށް ނުބެލެވެއެވެ.