އިންޑިޔާގެ ބެންގަލޫރުގެ ޕާކިންގ އޭރިޔާއެއްގައި ރޯވެ އަދަމުން އެބަދެއެވެ.

އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ "އެންޑީޓީވީ" އިން ބުނެފައިވަނީ ހުޅުގަނޑު ހިފާފައިވަނީ ނުނިއްވާލާ ބިންމައްޗަށް ވައްޓާލި ސިނގެރޭޓް ބުރިއަކުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އަލިފާންގަނޑު ރޯވެފައިވާ ޕާކިންގ ލޮޓް އާ މާދުރު ނޫން ހިސާބެއްގައި އެއަރޕޯޓްއެއް އޮންނަ ކަމަށް އެންޑީޓީވީ އިން ރިޕޯޓް ކުރެއެވެ. އަދި އެއަރޕޯޓް އާ ހަމައަށް އަލިފާންގަނޑު ފެތުރުމުގެ ކުރިން އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިންޑިޔާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

އަލިފާންގަނޑު ކޮންޓްރޯލް ނުވެ އަދަމުންދާތާ މިހާރު ގަޑިއިރެއް ވެފައިވާއިރު، މިހާތަނަށް 100 ސައިކަލާއި 20 ކާރުގައި އަލިފާން ހިފާފައިވާ ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ބުނެފައިވަނީ އަލިފާންގަނޑު ބާރު ސްޕީޑެއްގައި ފެތުރެނީ އެސަރަހައްދަކީ ވިނަ ގިނަ ސަރަހައްދަކަށް ވުމާއި މިއަަދަކީ ވައިބާރު ދުވަހެއް ކަމުގައި ވުމުންނެވެ.

އަލިފާންގަނޑުގެ ސަބަބުން އެސަރަހައްދުގެ ކައިރީގައި އޮންނަ އެއަރޕޯޓްވަނީ ވަގުތީ ގޮތުން ފްލައިޓް ޖެއްސުން ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު