އެމެރިކާ ދޫކޮށް އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުމަށް ދިޔަ އެމެރިކާގެ އަލަބާމާގެ ކޮލެޖް ދަރިވަރު ހުދާ މުސާނާ އެމެރިކާ އަށް ދެން ނުވައްދާނެ ކަމަށް އެމެރިކާ ރައީސް ޓްރަމްޕް ބުނުމުން އެ ކުއްޖާގެ ބައްޕަ އެ މައްސަަލަ ކޯޓަށް ވައްދައިފި އެވެ.

މައިންބަފައިންނަށް އޮޅުވާލައިގެން ހުދާ މުސާނާ އެމެރިކާ ދޫކޮށް އުމުރުން 20 އަހަރުގައި ތުރުކީ އަށް ދިޔައީ އައިއެސްއާ ގުޅުމަށް ސީރިއާއަށް ދާށެވެ.

މިހާރު އުމުރުން 24 އަހަރުގެ ހުދާ ތުރުކީ އަށް ދިޔައީ ޓިއުޝަން ފައިސާ އެއްކޮށްގެން ޓިކެޓް ގަނެގެންނެވެ. އައިއެސް އާއި ގުޅުމަށް ފަހު ހުދާ ވަނީ އެމެރިކާ މީހުން މެރުމަށް ވެސް ގޮވާލައިފަ އެވެ.

ހުދާގެ ބައްޕަ އަހުމަދު އަލީ ހުށަހެޅި މައްސަލާގައި ވަނީ ހުދާ އަށާއި އޭނާގެ 18 މަހުގެ ދަރިފުޅަށް އެމެރިކާގެ ރައްވެހިކަން ދީ އެމެރިކާ އަށް ވަދެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށެވެ.

ނަމަވެސް މުސާނާ ވަނީ އޭނާ އަށް ކުރެވުނު ކަންތަކާ މެދު ދެރަވެ އަދި ދިރިއުޅުން މުޅިން ހަލާކުގެ ތެރެއަށް ވައްޓާލި ކަމަށް އެއްބަސްވެ އެކަމަށް މައާފަށް އެދިފަ އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ބުދަ ދުވަހު ވިދާޅުވެފައި ވަނީ މުސާނާ އަށް އެމެރިކާގެ ޕާސްޕޯޓް ނުވަތަ ވިސާ ދޭން ޖެހޭ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

މިހާރު ހުރީ ކުރުދީންގެ ރެފިއުޖީ ކޭމްޕެއްގައި މިހާރު ދިރިއުޅެމުންދާ ހުދާގެ 18 މަހުގެ ތުއްތު ކުއްޖަކު އޮތް އިރު އޭނާ ދަނީ އެމެރިކާ އަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ.