އިރާގާއި ސީރިޔާ އަދި މެދުއިރުމަތީގެ ބައެއް ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ނިރުބަވެރި ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް)އާ މީގެ ހަތަރު އަހަރު ކުރިން ގުޅުނު އުމުރުން 19 އަހަރުގެ ޝަމީމާ ބޭގަމް މިހާރު އަނބުރާ އުފަން ގައުމު އިނގިރޭސިވިލާތަށް ދާން ބޭނުންވި ނަމަވެސް، އެގައުމުން ވަނީ އޭނާގެ ޕާސްޕޯޓް ކެންސަލް ކޮށްފައެވެ.

ބީބީސީއަށް ޝަމީމާ ދިން އިންޓަވިއުއަކަށްފަހު އޭނާގެ ވާހަކަތައް މީޑިއާގައި މަޝްހޫރުވެފައިވާ އިރު، އޭނާ އަނބުރާ ގައުމަށް އެތެރެވުމަށް އޮތް ހުރަހަކީ އުފަން ގައުމު، އިނގިރޭސިވިލާތުގެ ސަރުކާރެވެ. މީގެ ދުވަސްތަކެއް ކުރިން ސީރިޔާގައި ހުރެ ވިހާފައިވާ ޝަމީމާ ބުނެފައި ވަނީ "އައިއެސްގެ ޕޯސްޓަ ގާލް"އަކަށްވުމަށް އޭނާ ބޭނުން ނުވާ ކަމަށާއި، އޭނާ މިހާރު ބޭނުން ވަނީ ހަމަޖެހިލައިގެން އަމިއްލަ ގައުމުގައި ދަރިފުޅު ބޮޑުކުރަން ކަމަށެވެ.

ޝަމީމާގެ ޕާސްޕޯޓް އިނގިރޭސި ސަރުކާރުން ކެންސަލް ކޮށްފައިވާ އިރު، އޭނާއާ ދެން ކުޑަވެސް އޮތް ގައުމު ކަމަށްވާ ބަންގްލަދޭޝްއިންވެސް އޭނާ ގަބޫލުކޮށްފައެއް ނުވެއެވެ. ސީރިއާގައި ހާލުގައި ޖެހިފައި ހުރި ޝަމީމާ ގައުމަށް ވައްދައިދިނުމަށް އެދި އޭނާގެ ދައްތަ ޝަރުމީނާ ބޭގަމް ވަނީ އިނގިރޭސިވިލާތުގެ ހޯމް ސެކެރަޓަރީ ސާޖިދު ޖާވިދަށް ހާއްސަ ސިޓީއެއް ލިބިފައެވެ.

އެކަމުގެ ޖަވާބު ސާޖިދު ދީފައިވާ އިރު، ޖަވާބު އައީ ސީދާ ޝަމީމާއާ ދެކޮޅަށެވެ. ސާޖިދު ވިދާޅުވެފައި ވަނީ އެފަދަ ގޮތަކަށް ގައުމު ދޫކޮށް، ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކާ ގުޅުމަށްދާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ހަމައެއާއެކު އެފަދަ ފަރާތްތައް އުމުރަށް ޖަލަށް ލުމަށް މަޖިލީހަށް ބިލެއް ވައްދަން ގަސްދު ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އިސްލާމްދީން ދޫކޮއް މުރުތައްދުވިނަމަ އެ ގައުމުތަކުން މަރުހަބާ ކިޔާނެ. އެކަމަކު މުސްލިމެއްގެ ގޮތުގައި ހުރެގެން ނެތް ޖާގައެއް.

    1
    1