އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލު ކުރުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ރޭލެއްގައި ވިއެޓްނާމަށް ދަތުރު ފަށައިފިއެވެ.

ޓްރަމްޕާއި ކިމްގެ ދެވަނަ ސަމިޓަށް ކިމް ވިއެޓްނާމަށް ދިޔައިރު މި ސަމިޓް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 27 އިން 28 އަށް ވިއެޓާންމްގެ ވެރިރަށް ހަނޯއީ ހުންނަ އާސާރީ ގެސްޓް ހައުސްއެއްގައެވެ.

މި ހާއްސަ ސަމިޓަަށް ވިއެޓްނާމްއިން ވަނީ ކިމް ދަތުރުކުރުމަށްޓަކައި ހާއްސަ ރޭލެއް އުތުރު ކޮރެޔާ އަށް ފޮނުވާފައެވެ. ކިމް ރޭލެއްގައި ވިއެޓްނާމަށް ދަތުރު ކުރާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.

180 ކިލޯމީޓަރުގެ ދަތުރަކަށް ފަހު ކިމް ވަޑައިގަންނަވާއިރަށް ވިއެޓްނާމްގެ ބޯޑަރު ކައިރީ ސަލާމަތީ ކަންތައްތައް ވަނީ ވަރުގަދަ ކޮށްފައެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ނިއުކިލިޔާ މައްސަލާގައި ޓްރަންޕް އާއި ކިމްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ސިންގަޕޫރުގައެވެ.

ކިމް ޖޮން އުން އާއި ޓްރަމްޕް ޖޫން މަހު ބޭއްވި ސަމިޓްގައި ކިމް ޖޮން އުން ވަނީ ކޮރެއަން ޕެނިންސިއުލާ އަކީ ނިއުކްލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހަދަން މަސައްކަތް ކުރާނެ ކަމަށް ވައުދުވެފައެވެ.

ގާތްގާތުގައި އުތުރު ކޮރެއާ އިން މިދިޔަ އަހަރު ކުރީކޮޅު މިސައިލް ޓެސްޓްތަކެއް ކުރުމުން ކޮރެއަން ޕެނިންސިއުލާގައި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރުވެސް ހީވެފައި ވަނިކޮށް ބޭއްވި ފުރަތަމަ ސަމިޓްގައި ކިމް ވިދާޅުވީ ޓްރަމްޕް އާއި ބައްދަލުކޮށް މަޝްވަރާ ކުރުމާއި ހަމައަށް އައުން އެއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.