އެމެރިކާގެ ޖޯޖިއާގެ ބަނދަރުން އެމެރިކާއަށް އެތެރެ ކުރަން އުޅުނު 19 މިލިއަން އެމެރިކާ ޑޮލަރު (ދިވެހި ރުފިޔާ އިން ބަލާނަމަ 293 މިލިއަން ރުފިޔާ) ގެ މަސްތުވާތަކެތި އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން އަތުލައިގެންފިއެވެ.

އެމެރިކާގެ ކަސްޓަމްސް އާއި ބޯޑާ ޕްރޮޓެކްޝަން އެޖެންޓުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައި ވަނީ ކޮލަމްބިއާ އިން އެމެރިކާ އަށް އެެތެރެ ކުރި މަސްތުވާތަކެއްޗެވެ. އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި އަތުލައިގަތް މަސްތުވާތަކެތި ވަނީ ކޮކޭން އަށް ޕޮޒިޓިވް ވެފައެވެ.

އަލަނާސިތަކުގެ ތެެރޭގައި ބަންދުކޮށްފައި ހުރި ކޮކޭންގެ ބަރުދަން 523 ކިލޯ އަށް އަރާ ކަމަށް ވެސް އެމެރިކާ އިން ބުނެއެވެ.

އަލަނާސީގެ ތެރޭގައި މަސްތުވާތަކެތި ބަންދުކޮށްފައި ވަނީ ފުރަތަމަ އަލަނާސި ހެދެން ފެށި އިރު ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން ބޭރުން ބަލާލާފައި އަލަނާސީގެ ތެރޭގައި އެއްޗެއް ބަންދުކޮށްފައި ހުރިކަމަށް ޝައްކު ވެސް ނުކުރެވެއެވެ.

އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން މިތަކެތި އަތުލައިގެންފައި ވަނީ ލިބުނު ޖާސޫސީ މައުލޫމާތުތަކެއްގެ މައްޗަށް ބިނާ ކޮށެވެ.

ބައިޓަނުގެ މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ މީހުންގެ އަދަދެއް ވެސް އަދި އެމީހުންގެ ތަފްސީލެއް ވެސް މިހާތަނަށް އެމެރިކާ އިން ހާމައެއް ނުކުރެއެވެ.

އެމެރިކާ އަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ ކޮލަމްބިއާ އާއި މެކްސިކޯ އިންނެވެ. މީގެ ކުރިން ވެސް ތަފާތު މޭވާ އާއި ތަރުކާރީގައި މިގޮތައް މަސްތުވާތަކެތި ރައްކާކޮށްގެން އެމެރިކާ އަށް އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު