އެމެރިކާގެ އަލަބާމާއަށް އެރި ނަގޫރޯޅިތަކެއްގެ ސަބަބުން އެންމެ މަދުވެގެން ވެސް 22 މީހުން މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.

ފުލުފުލުގައި ނަގޫރޯޅިތަކެއް އަރާފައި ވަނީ އަަލަބާމާގެ ދެކުނުގެ ސަރަހައްދުތަކަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް އެބަ ކަށަވަރު ކުރެވޭ ނަގޫރޯޅިތަކުގެ ސަބަބުން 22 މީހުން މަރުވި ކަމަށް. މިއަދަދު އަދިވެސް އިތުރުވުން އެކަށީގެންވޭ." ސަރަހައްދީ ޝެރިފް ޖޭ ޖޯންސް ވިދާޅުވިއެވެ.

އަދިވެސް މިސަރަހައްދުގައި ނަގޫރޯޅިތައް އުފެދިދާނެ ކަމުގެ އިންޒާރު މޫސުމާއި ބެހޭ އިދާރާއިން ދެއެވެ. ނަގޫރޯޅިތަކުގެ ސަބަބުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީހުން ހޯދުމުގެ މަސައްކަތުގައި ޑްރޯންތައް ބޭނުން ކުރަމުންދާ ކަމަށް އޮފިޝަލުން ބުނެއެވެ.

އެމެރިކާއަށް މިވަގު އިރުއޮއްސިފައި އޮތުމުން މީހުން ހޯދުމުގައި ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.

ނަގޫރޯޅިތަކުގެ ސަބަބުން ބައެއް ގެތައް ވެސް ވަނީ ވެއްޓިފައެވެ.

އަނިޔާވި ވަރަށް ގިނަ މީހުންނަށް ކައިރި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ. އަނިޔާވިި މީހުންގެ އަދަދު އަދި މުޅިން ކަށަވަރެއް ނުވެއެވެ. ނަމަވެސް ވަރަށް ގިނަ މީހުންނަށް އަނިޔާވެފައިވާ ކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދެއެވެ.

އެންމެ ބޮޑު ނަގޫރޯޅި އަރާފައި ވަނީ އާދީއްތަ ދުވަހުގެ ރޭ މެންދަމު 02:00 ހާއިރު އެވެ. އެ ނަގޫރޯޅީގެ ދިގުމިނުގައި މޭލެއް ހުރި ކަމަށް ވެއެވެ.

ނަގޫރޯޅި އެރުމުގެ އިތުރުން އަލަބާމާ އަށް ދަނީ ވަރަށް ބޯކޮށް މިހާރު ވާރޭ ވެސް ވެހެމުންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މިއަދު އަލަބާމާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް ރައްދު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    އަލްޙަމްދުލިﷲ !

    2
    1